ސީރިއާއިން ތުރުކީއަށް ދިޔަ ދިވެހި އާއިލާއެއް އެގައުމުން ހައްޔަރުކުރުމުން، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިއާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހި ސަރުކާރަށް އެކަން އެންގުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެ ފަރާތްތައް އަނބުރާ ރާއްޖެއަށް ގެނައުމަށް ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިވަގުތު އަންނަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރިވަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"މިހާތަނަށް މި މައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާއަކީ އަފްގާނިސްތާނާއި ސީރިއާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި، މީގެ ތެރެއިން އެންމެ ހަގު ދެ ކުދިން އުފަންވެފައިވަނީ އަފްގާނިސްތާނާއި ސީރިއާގައި ދިރިއުޅުނު އިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ..،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އާއިލާއަށް ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި އެ ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ރަށްވެރިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އެފަދަ ފަރާތްތައް އަނބުރާ ރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.