ބަދުރު ހަނގުރާމައިގެ ހާދިސާ އަންގައިދެނީ ﷲ ގެ ދީނަށްޓަކައި ވާންޖެހޭ ގުރުބާނީގެ މަތިވެރިކަން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ބަދުރުގެ ހާދިސާއިން އިސްލާމް ދީނަކީ މަޝްވަރާކުރުމަށް ބާރުއަޅާ ދީނެއްކަން ވެސް އަންގައިދޭ ކަމަށެވެ.
"ބަދުރުގެ ހާދިސާ އަޅުގަނޑުމެންނަށް އަންގައިދެނީ ﷲ ގެ ދީނަށްޓަކައި ވާންޖެހޭ ގުރުބާނީގެ މަތިވެރިކަމެވެ. އަދި އެ ގުރުބާނީގައި މަތިވެރި އަސްހާބުން ދައްކަވާފައިވާ ރިވެތި ނަމޫނާއެވެ. އަދި އިސްލާމް ދީނުގައި މަޝްވަރާކުރުމަށް ބާރުއަޅާ މިންވަރެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ބަދަރު ހަނގުރާމައިން ދަސްކޮށްދެނީ ނަސްރަކީ ﷲ ދެއްވާ އެއްޗެއް ކަން ކަމަށާއި އެއީ ލަޝްކަރުގެ ބައިބޯކަމާއި، ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫން ކަމަށެވެ.
"ބަދުރު ހަނގުރާމައިގައި، މުސްލިމުންގެ އަދަދަކީ 313 ވަރަކަށް ބޭކަލުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދެ އަސްވާރުންނެވެ. ކީރިތި ރަސޫލާ ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށެއް ނޫނެވެ. ދުޝްމަނުންގެ ލަޝްކަރުގެ އަދަދު ހާހަކަށް ވުރެ ގިނައެވެ. ސަތޭކަ އަސްވާރުން ތިއްބެވެ. އެމީހުން ނުކުތީ ހަނގުރާމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް ﷲ އިރާދަކުރެއްވީ، އެކަލާނގެ ނަސްރުގެ ވައުދުފުޅު ފުރިހަމަކުރެއްވުމަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ބަދުރު ހަނގުރާމައިގެ މަތިވެރި ނަސްރުން ލިއްބައިދޭ އަނެއް ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާ ދެންނެވުން ކަމަށާއި ބަދުރު ހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ހިނދު ކީރިތި ރަސޫލާ ދެއަތްޕުޅު އުފުއްލަވައި، ﷲ ގެ ހަޟްރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވަމުން ގެންދެވި ކަމަށެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ