ޅ. ނައިފަރުން 40 މީހަކާއި ކ. މާފުށިން 26 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އަތޮޅުތެރެއިން 130 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މާފުށިން ޖުމުލަ 26 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 235 އަށް އަރައިފައެވެ.

އަތޮޅުތެރެއިން މިއަދު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ނައިފަރުންނެވެ. އެގޮތުން ނައިފަރުން މިއަދު ވަނީ 40 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 393 އަށް އަރައިފައެވެ.

ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ނައިފަރުގައި ކޮންޓްރޯލެއް ނެތި އަދިވެސް ބަލި ފެތުރެމުންދާ އިރު، އެރަށުގައި މިހާރުވެސް ބަލި ޖެހިފައިވާ 155 މީހަކު އެބަތިއްބެވެ. އެރަށުން ބަލި ޖެހުނު 237 މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. މިއީ މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރަށެވެ.

މާފުށިން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ ކޭސްއާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންއަށް ލައިފައެވެ. މާފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މާފުށި ޖަލުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.