ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދި ދެންމެއަކު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ، އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނު ގެ އަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ކަރެކްޝަނަލް ސާވިސްއަކުން ނުބުނެއެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީއެއް ލިބިވަޑައިގަންނަވާފައިވާ ކަމަށާއި އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް ކުރީ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު