ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20،000 މީހުން އަދިވެސް ވެކްސިން ނުޖަހާ އެބަ ތިބި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވި ނަމަވެސް ކޮވިޑުން ދިފާއުވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 67 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެއީ އަނެއްހެން ޓޯޓަލް ޕޮޕިއުލޭޝަނަށް ބަލައިފިނަމަ 52 ޕަސެންޓް. އޭގެ ތެރެއިން ދެވަނަ ޑޯޒު ގާތްގަނޑަކަށް 30 ޕަސެންޓާ ހަމައަށް ޖެހިފައި މިވަނީ" ޑރ. ޝާހު ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުންވެސް ކޮވިޑު ވެކްސިން ދިނުމުގައި ރާއްޖެއިން އުޅެނީ ވަރަށް ކުރީގައިކަން ފާހަގަކުރައްވައި ޑރ. ޝާހު ވިދާޅުވީ، ހާޑް އިމިޔުޓީއަކަށް ދިއުމަށް މުޅި އާބާދީގެ 60 ނުވަތަ 70 މީހުންނަށް ވެކްސިން ދިނުން މުހިންމު ކަމަށާއި އެ އަމާޒަށް ކައިރި މުސްތަގުބަލެއްގައި ވާސިލު ވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ދެވަނަ ޑޯޒު ޖެހުމަށް ޝަރުތު ހަމަވެ، ދެވަނަ ޑޯޒު ނުޖަހާ ގިނަ ބައެއްވެސް ރާއްޖޭގައި އެބަ އުޅޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު އެންމެ ފަހުގެ ޑޭޓާއަށް ބަލާލި އިރު 20،000 އެއްހާ މީހުން އަދިވެސް އެބަ ތިބި ސެކަންޑް ޑޯޒަށް އެލިޖިބަލް ވެފައި ސެކަންޑް ޑޯޒް ނުޖައްސަވާ،" ޑރ. ޝާހު ވިދާޅުވިއެވެ.
ރާއްޖޭގައި ދެމުން އަންނަނީ ކޮވިޑު ވެކްސިންގެ ތިން ވައްތަރެކެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ދޭން ފަށާފައި ވަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމްގެއެވެ. ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ވަކި ހާއްސަ ބަޔަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު