އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ އެކަމާ ރާއްޖެއިން ހިތާމަކޮށް، ކަންބޮޑުވާ ކަމަށާއި ރާއްޖޭގެ ރައްޔިތުން ތިބީ އެގައުމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ ރައްޔިތުންގެ ހިތާމައިގައި ރާއްޖޭގެ ރައްޔިތުން ބައިވެރިވާ ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ކަމާބެހޭ އިދާރާތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާ އިރު، ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މި ބަލީގައި ދަނީ މަރުވަމުންނެވެ.
އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އޮކްސިޖަން ލިބުން ދަތިވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. އަދި ތަނަވަސްކަން ހުންނަ މީހުން ކަޅު ބާޒާރުގައި އޮކްސިޖަން ގަނެގެން އަމިއްލަ ގޭގައިވެސް އަމިއްލައަށް ވަނީ ފަރުވާދޭން ފަށައިފައެވެ. ނިއު ދިއްލީގެ ގިނަ ހޮސްޕިޓަލުތަކެއް ފުރި، ބަލި މީހުން އެޑްމިޓްކޮށް ފަރުވާދެވޭނެ ގޮތްވެސް ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު