ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށް އަދި ނުނިންމާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ރައީސް ޔާމީން އެއް މަސް ދުވަހަށް ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި މިރޭ ވަނީ ރިޕޯޓުކޮށްފައެވެ.
ކަރެކްޝަންސް އިން މިރޭ "ވަން" އަށް ބުނީ ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށި ޖަލުގައި ކަމަށާއި ގެއަށް ބަދަލުކުރަން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އަދިވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައި ނުވާ ކަމަށް "ވަން" އަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީއެއް ލިބިވަޑައިގަންނަވާފައިވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު