އެމްޑީޕީގެ ޓިކެޓުގައި ވެރިކަމުގެ އެއް ދައުރު ފުރިހަމަ ކުރާ ފަރާތަކަށް އިތުރު ދައުރެއް ދޭން ޖެހޭ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މީގެ ކުރީގައި ގަރާރެއް ފާސްކޮށްފައިވާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ވަން މީޑިއާ އިން ރޭ ގެނެސްދިން ވަން ޓު ވަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ޕާޓީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވައި އަދި އެ ޕާޓީގެ ޗެއާޕާސަންކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ރީކޯ މޫސަ ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިހާބެއް އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ރައީސް ސޯލިހުއާ އެކު ނިކުމެގެން ކަމަށެވެ.

އެކަމަށް ޕާޓީގެ ތެރެއިން މަގު ކޮށިފައި އޮތް ނަމަވެސް ހުރަސްތަކެއް ކުރިމަތި ކުރާ ކަން މޫސަ ވަނީ ފާހަގަކުރައްވައިފައެވެ. އެ ހުރަސްތައް އަންނަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްފުޅުން ކަމަށް ވެސް މޫސަ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ރައީސް ނަޝީދަށް ފާޅުގައި ގައުމީ މަޖިލީހުގައި ބުނެވޭކަށް ނެތް ޕްރައިމަރީއަށް ދާން ޖެހޭނެއޭ. އެމްޑީޕީން އެބައޮތް އުސޫލެއް ކަނޑައަޅާފަ. 2013 ގަ އެމްޑީޕީން އޮންނާނެ ގަރާރެއް ފާސްކޮށްފަ މިހާރު ވެރިކަމުގައި ހުރި މީހާ އަނެއްކާވެސް އިތުރު ދައުރަކަށް ދާން ޗާންސް ދޭ ގޮތަށް،" މޫސަ ވިދާޅުވިއެވެ.

ގައުމީ މަޖިލީހުން މީގެ ކުރިން ނިންމާފައި އޮތް އެ ނިންމުން ބޮލާލައި ޖަހައި ރައީސް ސޯލިހު ނޫން ފަރާތެއް އެ ޕާޓީގެ ޓިކެޓްގައި ވެރިކަމަށް ކުރިމަތިލައިފި ނަމަ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ޗާންސް ގެއްލޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އަދި ވަރަށް ޗާންސް ބޮޑު އެމްޑީޕީއަށް ރިޔާސީ އިންތިހާބު. މިހާރު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކަށް ކޮންމެ ގޮތެއް ވިޔަސް ދޭން ޖެހޭ." މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސަ ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކިތަންމެ ގާތް ދެ އެކުވެރިން ނަމަވެސް ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި އެކައްޗެއް ނުކިއުއްވާކަން މޫސަ ފާހަގަކުރެއްވިއެވެ. އަދި ރައީސް ސޯލިހު އެގޮތަށް ވެރިކަން ގުރުބާން ނުކުރައްވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެހާ ހިސާބަށް ކަންތައް ގޮސްފި ނަމަ، އެމްޑީޕީގެ މައިގަނޑު ވޯޓާ ބޭސް އާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ރައީސް ސޯލިހު ނަންގަވާނެކަން މޫސަ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މެންބަރުން ވެސް ތާއިދުކުރައްވަނީ ރައީސް ސޯލިހަށް ކަމަށެވެ.