އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ހަތަރު ފަސް މީހަކު އުޅޭ ކަމަށާއި އެ ޕާޓީގެ ތެރޭގައި ވެސް ބައިބައިވުންތަކެއް ހުރި ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ވަން މީޑިއާއިން ގެނެސްދޭ "ވަން ޓު ވަން" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ތެރޭގައި ބައިބައިވުންތަކެއް އެބަހުރި ކަމަށާއި އެގޮތުން އެ ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ނުކުންނަވަން ބޭނުންވާ ފަރާތްތަކެއް ވެސް އެބައުޅޭ ކަމަށެވެ.
"ޕީޕީއެމްގެ ގާތްގަނޑަކަށް އަޅުގަނޑަށް އެނގޭ ގޮތުން ހަތަރު ފަސް މީހަކު އެބަ އެކަމަށް މަސައްކަތް ކުރޭ. އެމީހުންގެ ތެރޭގައި އެކަމަށް ޖޯކުވެސް ޖަހާ އެކަކު އަނެކަކަށް،" މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު މަސައްކަތްކުރެއްވި މޫސަ ވިދާޅުވިއެވެ.
މޫސަ އެހެން ވިދާޅުވި ނަމަވެސް، ޕީޕީއެމުން މީގެ ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށެވެ. ނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މިހާރު އޮތް ގޮތުން ރައީސް ޔާމީނަކަށް ކުރިމައްޗެއް ނުލެއްވޭނެއެވެ. އެހެންކަމުން ވަކި ހިސާބަކުން އެ ޕާޓީން ރިޔާސީ އިންތިހާބުގައި ބައިވެރިވާން ބޭނުން ނަމަ އިތުރު ފަރާތަކަށް ރިޔާސީ ޓިކެޓް ދޭން ޖެހޭނެއެވެ.
ޕީޕީއެމެގެ އިތުރުން މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ވެސް ބައިބައިވުންތަކެއް ހުރިކަން މޫސަ ފާހަގަކުރެއްވިއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރާ ފަރާތްތަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ ފަރާތްތަކާ ދެމެދު ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ވަކި ހިސާބަކުން ވެރިކަމުގެ ހުޅު ފަޅައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް މޫސަ ވަނީ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު