މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި މަރުވި ސަލްމާ ނަސީރުގެ މަރުގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.
ސަލްމާ މަރުވި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އޭނާގެ ފިރިމީހާ އިބްރާހިމްގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ލޯފާމް އެޑްވޮކެސީ ޗޭމްބާސް އިން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނީ ސަލްމާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު ސަލްމާއަށް ފަރުވާ ދިނުމުގައި އޭޑީކޭ ހޮސްޕިޓަލުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ، މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާ ކަމަށްވެސް ސިޓީގައިވެއެވެ.
ސަލްމާ މަރުވި މައްސަލައިގައި މެޑިކަލް ރެކޯޑުތައް ހޯދުމަށް އެދުމުން އޭޑީކޭ އިން ކަމާ ގުޅޭ ލިޔުންތައް ދީފައި ނުވާ ކަމަށްވެސް ސިޓީގައިވެއެވެ.
"މި ހާދިސާގައި ޝާމިލުވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި، މި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު، ތަހުގީގު ނިމެންދެން ހިފަހައްޓަވައިދެއްވުން އެދެން،" ސިޓީގައިވެއެވެ.
ސަލްމާ މަރުވި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އޭނާގެ ފިރިމީހާ ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ ވިހެއުމަށް ފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅާފައިވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ. އަދި ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ނަމަވެސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާފަހުން ކަމަށާއި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމުގައި ސަލްމާއަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ވެސް ޖަވާބުގައި ބުނެފައިވެއެވެ.
ހާދިސާގައި ހިމެނޭ މުވައްޒަފުންނާއި ޑޮކްޓަރުން ދީފައިވާ ބަޔާންތަކަށް ބަލާ އިރު ސަލްމާގެ ހަށިގަނޑުން ފޭބި ލޭގެ މިންވަރު އަންދާޒާ ކުރެވިފައިވަނީ މަދުންކަމުގައިވީ ނަމަވެސް އޭނާގެ ގައިން ލޭ ފައިބާފައިވަނީ، ވަޒަން ކުރެވުނު ވަރަށްވުރެ ގިނައިން ކަމަށް ރިވިއުއިން ފެންނަ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
އެޑްވޮކެސީ ޗޭމްބާސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާއާ ގުޅިގެން އިހުމާލުވެފައިވާ ފަރާތެއް ވޭތޯ ބަލައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ، އެފަރާތްތައް ޒިންމާކުރުވުމުގެ ގޮތުން ޖިނާއީ އަދި މަދަނީ ގާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ހައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު