މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ ރަށު ކައުންސިލު މެންބަރަކު "ވަން" އަށް ވިދާޅުވީ، ގުރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ އެ ރަށުން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހުންނާ ހަވާލުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ ކަމަށް ވެސް ކައުންސިލަރު ވިދާޅުވިއެވެ.
"ރޭގަ މިކަމެއް ހިނގައިގެން އެ ކުއްޖާގެ ބައްޕަ އެ ބިދޭސީ މީހާ ގޮވައިގެން ގެނެސް ޕޮލިސް ސްޓޭޝަނަށް ހަވާލުކުރީ. ދެން ރައްޔިތުންނަށް އެކަން އެނގިގެން ޕޮލިސް ސްޓޭޝަނަށް ގޮސް އެ ބިދޭސީ މީހާއަށް ވަނީ ކޮންމެވެސް ވަރަކަށް ހަމަލާ ދީފައި،" ކައުންސިލަރު ވިދާޅުވިއެވެ.
ބިދޭސީ މީހާއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އިތުރު ބަޔަކު އެ ރަށުން ހައްޔަރުކުރަން ފުލުހުން ނުކުތުމުން މިރޭ ވެސް ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ނުކުމެފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިފަހަަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަމުން އަންނަ އިރު، ބައެއް މައްސަލަތަކާ ގުޅިގެން މީހުން ހައްޔަރު ކޮށްފައިވެއެވެ. އަދި ބައެއް މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން މި ފަހުން ހިނގައިދިޔަ އެފަދަ މައްސަލަތަކާ ގުޅިގެން މައްސަލަ ނިންމައި ދައުވާކުރަން ފޮނުވާފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު