ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިރޭ ޖަހާނީ ފެބްރުއަރީ 1-7 އާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިރޭ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ 1-7 އާ ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނު ކަމަށެވެ. ވެކްސިން ޖަހާނީ ސޯޝަލް ސެންޓަރުގައެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ބުނީ މިރޭވެސް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ދިނުން މާލެ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އެގޮތުން ސިނޯފާމް ވެކްސިން ޖަހާނީ ރައްޔިތުންގެ މަޖިލީހުންނާއި ޓްރީ ޓޮޕް ހޮސްޕިޓަލުންނާއި ނެޝަނަލް އާޓް ގެލަރީންނާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުންނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި 292،413 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި އިއްޔެގެ ނިޔަލަށް ރާއްޖޭގައި 82،827 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ.
ކޮވިޝީލްޑާއި ސިނޯފާމްގެ އިތުރުން ރާއްޖޭގައި ފައިޒާ ވެކްސިން ވެސް މިހާރު އަންނަނީ ދެމުންނެވެ. ނަމަވެސް ފައިޒާ ވެކްސިން ދެނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު