ބްރެޒިލްގެ ފުޓުބޯޅަ އައިކަން ނޭމާއަކީ ހިތްތިރި، ބުނާ ބަސް ގަބޫލުކުރާ ކުޅުންތެރިއެއް ކަމަށާއި ކޯޗުކަން ކޮށްދިނުމަކީ ފަސޭހަ ކަމެއް ކަމަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޓޮޓެންހަމްއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގެ ތަޖުރިބާ ކުރި ޕޮޗެޓީނޯ އަނެއްކާވެސް ޕީއެސްޖީއާއެކު ދެވަނަ ފައިނަލަކަށް މަސައްކަތް ކުރަމުން އަންނަ އިރު، ސެމީގައި ޕީއެސްޖީން ނުކުންނަން ޖެހޭނީ ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ތަރިންގެ ޓީމެއްގެ ގޮތުގައި ޕީއެސްޖީ އަބަދުވެސް ސިފަކުރެވުމުން އަންނަ އިރު، ޕޮޗެޓީނޯގެ ޓީމުގައި ހުރި އެންމެ ވިދުން ގަދަ ތަރިއަކީ ނޭމާއެވެ. އަގުބޮޑު ޓްރާންސްފާއެއްގައި ނޭމާ ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، ގިނަ ބައެއްގެ ނަޒަރުގައި ނޭމާއަކީ ޕީއެސްޖީގައި ހުންނަ ކޯޗަކަށްވުރެ ނުފޫޒު ގަދަވާނެ ކުޅުންތެރިއެކެވެ.

"ނޭމާއަށް ކޯޗުކަން ކޮށްދިނުމަކީ ވަރަށް ފަސޭހަ ކަމެއް. މާ ބޮޑު މަސައްކަތެއް ނޭމާއަށް ވަކިން ކުރާކަށް ނުޖެހޭނެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ކަންކަން ދަސްކުރަން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރޭ. ނޭމާއަކީ ތަރިއެއް ނަމަވެސް ހިތްތިރި، ބުނާ އެއްޗެހި އަޑު އަހާ، ދޭ އިރުޝާދުތައް ގަބޫލުކުރާ ކުޅުންތެެރިއެއް،" ޕޮޗެޓީނޯ ބުނެފައިވެއެވެ.

މިޒާޖުގައި ސަކަރާތް ޖެހުމުގެ ބައި ނޭމާގެ ފަރާތުން ފެނުނު ނަމަވެސް، އަބަދުވެސް ދަނޑުމަތީގައި ނޭމާ ސީރިއަސްވެ، މެޗުން މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ޕޮޗެޓީނޯ ފާހަގަކުރިއެވެ. ބްރެޒިލްގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށް ޕޮޗެޓީނޯ ކޯޗުކަން ކޮށްދެމުން އަންނަ އިރު، ޕޮޗެޓީނޯއަކީ ސަރަހައްދީ ފެންވަރުގައި ބްރެޒިލްގެ އެންމެ ވާދަވެރި ގައުމު އާޖެންޓީނާގެ ފުޓުބޯޅައަށް އާ މޫނެއް ނޫނެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކުރިން ކުޅުނު ޕޮޗެޓީނޯ ބުނީ ބްރެޒިލް ކުޅުންތެރިންނަކީ ފުޓުބޯޅައަށް ހާއްސަ ބައެއް ކަމަށާއި އެ ކުޅުންތެރިން ލޯތްބާއެކު ފުޓުބޯޅަ ކުޅެނީ އެއީ ނެށުމެއް ކަހަލަ އުފާކުރުވަނިވި ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ބްރެޒިލް ކުޅުންތެރިންނަށް ވަރަށް ހާއްސަ ކަމެއް ފުޓުބޯޅައަކީ. ފުޓުބޯޅަ ކުޅުން އެކުޅުންތެރިންނަށް ހާއްސަ ވަނީ ލޯބިކުރެވޭތީ. އެއީ އެ ކުޅުންތެރިންނަށް ހިތްހަމަޖެހޭ ނެށުމެއް ފަދަ ކަމެއް. ކުރިން ޕީއެސްޖީއަށް އަހަރެން ކުޅުނު އިރު، ރޮނާލްޑީނިއޯއަކީ އެކުގައި ކުޅުނު ހުނަރުވެރި ކުޅުންތެރިން. މިހާރު އަހަންނާއެކު މިހުރީ އޭގެ ފަހުން އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ. ބްރެޒިލް ކުޅުންތެރިންނަށް މޮޅަށް ކުޅެން އެންމެ މުހިންމު ވާނީ ހިތްހަމަޖެހުން،" ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްޖީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެ ފައިނަލުގައި ބަލިވީ ބަޔާން މިއުނިކް އަތުންނެވެ. މިފަހަރުގެ ކުއާޓާގައި ޕީއެސްޖީން ބަޔާން ކަޓުވާލާފައި ސެމީއަށް ދަތުރު ކޮށްފައިވާ އިރު، މާދަމާ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެޓީމުން ކުޅޭ ސެމީގެ ފުރަތަމަ ލެގު މުހިއްމުވާނެއެވެ.