އދ. ދަނގެތި މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ދަނގެތީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި ކަމުގެ ރިޕޯޓު ރޭ 9:15ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނެގި ފަންޑު ފޮށި ފަޅާލުމަށްފަހު އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދަނގެތިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މި ފޮށި މިސްކިތުގައި ބަހައްޓަނީ ނަމާދު ވަގުތު ތަކުގައި ކަމަށާއި ރޭ ތަރާވީސް ނަމާދު ކޮށް ނިންމައި ބަލާލި އިރު ފަންޑު ފޮށި ނެތް ކަމަށެވެ.

މި ފަންޑު ފޮށީގައި ހަ ހާހަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށާއި މި ފޮއްޓަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ދަނގެތީގެ ޖަމިއްޔާތަކާ ގުޅިގެން ފަގީރުންނަށް ސަދަގާތް ކުރުމަށް ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ކަމަށެވެ.

މި ފަންޑު ފޮށި ވަގަށް ނެގުމަށްފަހު ފަޅާލައިގެން ފައިސާތައް ނަގައި ފޮށި އެއްލާލާފައި އޮއްވައި ފެނުނީ މިސްކިތް ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށްވެސް ވަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.