ރިޕޯޓް

އެކްސްކްލޫސިވް: ކަނޑުއަޑީ ހަބަރުހުސްވެފައި އޮތް ޝިފާޒް ނަގަން ޖަޒްލީން ދިޔައީ ޝިފާޒް ނުލައި ނާރަން ނިންމައިގެން

މުއާވިޔަތު އަންވަރު

15

ފ. ނިލަންދޫ ފުއްޓަރު ފަރާތަށް މަސް ހިފަން ދިޔަ ގްރޫޕެއްގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނައެވެ. އެހެން ނަމަވެސް މަރުގެ އެތިފަހަރަކުން އެ ޒުވާނާ ސަލާމަތް ކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފުރާނަ އަތް މައްޗަށް ލައިގެންނެވެ.

އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް މަސް ހިފަން ގޮސް އުޅޭ އެމީހުންގެ ތެރެއިން އަހުމަދު ޝިފާޒު އަޑިއަށް ގޮސް މައްޗަށް ނޭރުމުން އޭނާ ސަލާމަތްކުރުމަށް ދިޔައީ އެކުވެރި ޖަޒްލީން މުހައްމަދު އެވެ.

އެ ހާދިސާގެ ސަބަބުން ހާލު ދެރަ ވެ ފ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ޖަޒްލީން ވަނީ އެކަން ހިނގައި ދިޔަ ގޮތް "ވަން" އަށް ކިޔައިދީފަ އެވެ.

އާދައިގެ މަތިން ހަތް މީހުންގެ އެ ގްރޫޕުން އިއްޔެ ވެސް މަސް ހިފަން ނިކުތީ ކުޑަ ދޯންޏެއްގަ އެވެ. އެއްބަޔަކު ދޯނީގައި ތިބި އިރު ތިން ވަރަކަށް މީހުން ދަގަނޑު ޖަހައިގެން މަސް ހިފުމަށް ފީނަމުން ދިޔަ އެވެ. އެހެން އުޅެނިކޮށް އެކަކު މަހަށް ޖެހި ދަގަނޑު ހިފައިގެން މަސް ވަނީ ގަލަށެވެ.

އެ ދަގަނޑު ނެގުމަށް އިސް ނަގައި އެންމެ ފުރަތަމަ އަޑިޔަށް ފީނީ ޖަޒްލީން އެވެ. ފުރަތަމަ ފަހަރުން ދަގަނޑު ނުނެގުނު ނަމަވެސް ދެވަނަ ފަހަރުން ދަގަނޑު ނެގުނެވެ. އެހެން ނަމަވެސް އޭގައި އިން މަސް އޭރު ވަނީ ދަގަނޑުން ލުހިގެން ގޮސް ވާގަނޑަށް އެމުނިފަ އެވެ. ވާގަނޑު އޮތީ ގަލުގައި އޮޅިފަ އެވެ.

"އަޅުގަނޑު މައްޗަށް އަރާފަ ޝިފާޒް ކައިރީގައި ބުނީ އަޑިޔަށް ގޮސް ވާގަނޑު ކަނޑާލައިގެން ނަގާށޭ މަސް ނުނަގައްޗޭ. އެހާ ފުނަށްގޮސް ނޯވެ ވާގަނޑު ނައްޓާލާފަ އަންނާށޭ. ޝިފާޒް ގޮސް ވާގަނޑު ނައްޓާލާފަ ގަލުގެ އަނެއް ފަޅިން މަސް ނިކުމެފައި އިނީމަ އެ ނަގަން މަހުގެ ނަގުލުގައި ހިފައި ތަޅުވާލާފަ ފަސް ވަރަކަށް ފަހަރު ޓްރައި ކޮށްލާފަ މައްޗަށް އަރަން އެއް ފަހަރު ފިންސް ޖަހާލިއިރަށް ޝިފާޒް އެއްކޮށް ހަބަރު ހުސްވެގެން ވެއްޓުނީ،" މަތީގައި އެ މަންޒަރު ބަލަން އޮތް ޖަޒްލީން ކިޔައިދިނެވެ.

ޝިފާޒު އޮތީ 25 މީޓަރު އަޑީގައި:

ވާގަނޑު ނައްޓާލުމަށް ޝިފާޒު އަޑިއަށް ޖަހާލީ ޖަޒްލީން މައްޗަށް އެރިތަނާ ހެންނެވެ. ނަމަވެސް އަމިއްލަ ބާރުގައި ޝިފާޒަށް މައްޗަށް އެރޭ ގޮތެއް ނުވި އެވެ. ވަޔާއި އޮޔާ އެކު އަޑީގައި ދެކޮޅަށް ތެޅެނީ އެވެ. އެ ހިސާބުގައި 25 ވަރަކަށް މީޓަރު ހުންނާނެ ކަމަށް ޖަޒްލީން ބުންޏެވެ. އެއީ އެ މީހުން ދަގަނޑުގައި އައްސާފައިވާ 25 މީޓަރުގެ ވާގަނޑުގެ އެއްކޮޅު އަޑީގައި އޮތް އިރު މަތީގައި އޮތް ބޮޔަށް ވާންވެފައި އޮތުމުންނެވެ.

"އަޅުގަނޑު އެރިތަނާހެން ޝިފާޒް ދިޔައީ. ދެން އަނެއްކާވެސް ބޮޑު ނޭވާއެއްލާފަ އަޅުގަނޑު ހިތަށް އެރި އަޅުގަނޑަށް އަދި ދެވޭނެއޭ އަޑިއަށް. ކޮންމެގޮތެއް ވިޔަސް ދާނަމޭ. އެހެން ހިތަށް އަރާފައި ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ރިސްކު ނަގައިގެން ނައްޓާލީ،" ޖަޒްލީން ކިޔައިދިނެވެ.

އަޑިޔަށް ގޮސް އޭނާއަށް ހިފުނީ ޝިފާޒުގެ ފައިގައެވެ. އޭރު ޖަޒްލީންގެ ނޭވާ ވެސް ހުސްވަނީ އެވެ. ނަމަވެސް ޝިފާޒުގެ ފައިގައި ހިފައިގެން މައްޗަށް އަރަން ހިފައިލި އެވެ. ހަރަކާތެއް ނެތުމާ އެކު އޭރު ޝިފާޒްގެ ހަށިގަނޑު ވެސް ފުދޭވަރަކަށް ބަރުކަމަށް ޖަޒްލީން ބުންޏެވެ. ޝިފާޒުގެ ހަށިގަނޑާ އެކު މައްޗަށް އެރުމަށް އިތުރަށް މަސައްކަތް ކޮށްފި ނަމަ ދެ މީހުން ސަލާމަތް ނުވާނެ ކަމުގެ ބިރު އޭނާއަށް ހީވުމުން ވާގަނޑުން ބަނދެލާފައި މައްޗަށް އެރިއެވެ.

"ދެން އޭރު އަޅުގަނޑުވެސް އެއްކޮށް ހަބަރު ހުސްވާން ކައިރިވެއްޖެ. އަޅުގަނޑަށް އެނގޭ ޝިފާޒު ދޫކޮށްލާފަ އެރުމުން އަޅުގަނޑު ސަލާމަތް ވާނެ ކަން. އެކަމަކު އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުގެ ފުރާނަ ހުރެ ނުކެރޭނެއޭ ދޫކޮށްލާކަށް. ދެން ވާގަނޑުން ޝިފާޒު އައްސާފަ އަޅުގަނޑު މައްޗަށް އަރާފަ ވާގަނޑުގައި ލަކި ޖަހަ ޖަހައިގެން ގަލަށް ވަދެފައި އޮތްބައި ނިކުމެގެން ޝިފާޒު އަޅުގަނޑުގެ އަތާ ހަމައަށް ނެގީ،" ޖަޒްލީން ކިޔައިދިނެވެ.

ފެނުން މައްޗަށް ޝިފާޒު ނެގިއިރު ހަރަކާތެއް ނެތެވެ. ދެން ތިބި އެކުވެރިންނާ އެކު ޝިފާޒު ދޯންޏަށް އެރުވުމަށްފަހު އަވަސް ފަރުވާ ދިން ކަމަށް ޖަޒްލީން ބުންޏެވެ.

"ދެން ތިބި އެކުވެރިން ވެގެން ދޯންޏަށް ލާފަ ނޭވާ ދީފަ މޭގަ ޕަންޕުކޮށްފަ އަނެއްކާވެސް ރިކަވާ ޕޮސިޝަންގައި ބާއްވާފަ ފޮނުތަކާއި އެއްޗެހި ނިކުތީމަ އަނެއްކާ އެހެން ބާއްވާފަ އެގޮތަށް ޓްރައިކޮށް ކޮށް އިނީ ލޯންޗު އަންނަން ދެން. ދެވެނަ ބުރުގަ އެހެން ޕުޝްކޮށް ކޮށް އިންދާ ބޮޑުނޭވާއެއްލާފަ ދެން އޭގެ ފަހުން ބަރާބަރަށް ނޭވާލާ،" ޖަޒްލީން ކިޔައިދިނެވެ.

އެންމެ ފުރަތަމަ އެހީތެރިކަމަށް އެދި ގުޅީ ފުލުހުންނަށެވެ. ނަމަވެސް ފުލުހުން އައުން ލަސްވުމުން ރަށުގެ އިތުރު ބަޔަކަށް ގުޅައިގެން އެ ތަނަށް ލޯންޗެއް ގެނައި ކަމަށް ޖަޒްލީން ބުންޏެވެ.

"ޝިފާޒާއި އަޅުގަނޑު އަރުވައިގެން އެ ލޯންޗު ނައްޓާލީ. އޭރުވެސް އަޅުގަނޑަށް ދެވުނު ފަރުވާއެއް ޝިފާޒަށް ދިނިން. އެހެން ފަރުވާ ދީދީ އިންދާ އަޅުގަނޑުގެ ވަރު ދޫވެގެން ގޮސް ލޯންޗު ތެރެއަށް ވެއްޓުނީ،" ޖަޒްލީން ބުންޏެވެ.

އެ ދެ މީހުން ވެސް އެންމެ ފުރަތަމަ ގެންދިޔައީ ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. އަދި ޝިފާޒުގެ ހާލު ގޯސް ކަމުން އޭނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލި އެވެ. މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަނި މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައި ބްލެކު އައުޓު ވެގެން މީގެ ކުރިން ރާއްޖޭގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު މީހަކާ އެކު މަސް ހިފުމަށް ފްރީ ޑައިވް ކުރުމުގެ ތެރޭގައި ވެސް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އިއްޔެ ދިމާވި އެ ހާދިސާއިން ޝިފާޒު ސަލާމަތްވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގު ވަނީ އޭނާގެ އެކުވެރި ޖަޒްލީނަށް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.