ފ. ނިލަންދޫން މަސް ހިފަން މޫދަށް ފޭބި މީހެއްގެ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ނިލަންދޫ ކައުންސިލް މެންބަރު އަބްދުއްލަތީފް މުހައްމަދު "ވަން" އަށް ވިދާޅުވީ، އެ ރަށު ފުއްޓަރު ފަރާތުން ތިން ރަށް ކެނޑޭ މުއްޔަށް މަސް ހިފަން ގޮސް އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ހާލު ސީރިއަސްވެގެން މާލެ ފޮނުވާލާފައިވާ ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތް އެ މީހުންނާއެކު މަސް ހިފަން ދިޔަ މީހަކާ ހަވާލާދެއްވައި އަބްދުއްލަތީފް ވަނީ "ވަން"އަށް ކިޔައިދެއްވައިފައެވެ.
އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް މަސް ހިފަން ގޮސް އުޅޭ އެމީހުންގެ ތެރެއިން އަހުމަދު ޝިފާޒު އަޑިއަށް ގޮސް މައްޗަށް ނޭރުމުން އޭނާ ސަލާމަތްކުރުމަށް ދިޔައީ ޖަޒްލީން މުހައްމަދު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެތަނުން އެންމެ އިސްކޮށް ހުރި ކުއްޖާ މިއަދު ދެގަޑިބައި، ތިނެއް ޖެހި ކަންހާއިރު އަޅުގަނޑަށް ގުޅާފައި ބުނީ ވަރަށް ބޮޑަށް މީހެއްގެ ހާލު ސީރިއަސް ވެގެންނޭ މި ގުޅީ، އެހެންވީމަ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އައިސްދީބަލާށޭ،" އަބްދުއްލަތީފް ވިދާޅުވިއެވެ.
ފުލުހުންނަށް އެ މައުލޫމާތުދިނުމަށްފަހު އަބްދުއްލަތީފު އިތުރު ބަޔަކާއެކު ލޯންޗެއްގައި އެ ސަރަހައްދަށް ދިޔަ އިރު، އެ މީހުން ޝިފާޒު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާޒު ނަގާފައިވަނީ ހޭނެތިފައި އަޑީގައި އޮއްވައި ވަލެއް ޖަހައިގެންނެވެ.
"ދެން ދިޔަ ކުއްޖާ އޭނާ އަތުގައި ވާ ޖަހާފައި ހަމަ ކިރިޔާ އެރުނީ. އޭނާގެ ހާލުވެސް ވަނީ ވަރަށް ބޮޑަށް ސީރިއަސް ވެފައި،" އަބްދުއްލަތީފް ވިދާޅުވިއެވެ.
އެމީހުން ވަގުތުން ނިލަންދުއަށް ގެނެސް އެރަށުގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަން އަބްދުއްލަތީފް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެ އެކަކުގެ ހާލު ސީރިއަސްވުމުން އާސަންދައިގެ ހަރަދުގައި ހަވީރު މާލެ ފޮނުވާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު