ބ. ފުޅަދޫގައި ދިޔަވަރު ހިކިފައި އޮއްވައި މޫދަށް ޑައިވު ޖެހި ފަތުރުވެރިއެއްގެ ބޯ ވެލިގަނޑުގައި ޖެހި ވަގުތުން މަރުވެއްޖެ އެވެ.

ޑައިވު ޖެހުމަކީ، ދެ އަތް ކުރިމައްޗަށް ވާގޮތަށް ދިއްކޮށްލައިގެން ހުރެ މޫދުގައި ބޯ ޖެހޭ ގޮތަށް އުސް ތަނަކުން ތިރިޔަށް ފުންމައިލާ ފުންމައިލުމަށް ކިޔާ ނަމެކެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް މިއަދު "ވަން" އަށް ވިދާޅުވީ މަރުވެފައިވަނީ 62 އަހަރުގެ ޔޫކްރެއިންގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ އެރަށު ގެސްޓްހައުސެއްގައި މަޑުކޮށްގެން ހުރި ފަތުރުވެރިއެއް ކަމަށާއި އޭނާ މީގެ ކުރިން ދެ ފަހަރަކު އެރަށުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ އޭނާ މިއަދު ހެނދުނު 6:30 ހާއިރު، މޫދަށް ދިއުމަށް އޭނާގެ އަންހެނުންނާއެކު އެރަށު ފާލަމަށް ދިޔަ ކަމަށެވެ. އެވަގުތަކީ ދިޔަވަރު އެންމެ އަޑި ވަގުތު ކަމަށާއި އޭނާ މޫދަށް ފުންމާލި ގޮތަށް ވެލިގަނޑުގައި ޖެހިފައި މަރުވީ ކަމަށެވެ. އެވަގުތު ފާލަން މަތީގައި އޭނާގެ އަންހެނުންވެސް ހުރި ކަމަށް އާސިފު ވިދާޅުވިއެވެ.

"ފާލަމުން މޫދަށް ޖަމްޕެއް ޖެހީ. ބޯ ގޮސް ވެލިގަނޑުގައި ޖެހުނު ގޮތަށް މަރުވީ. އެ ސަރަހައްދުގައި ގަލެއްވެސް ނުހުންނާނެ،" އާސިފު ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދިހަ މިނެޓު ތެރޭގައި އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި އޭރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ. އެ މީހާގެ ހަށިގަނޑު މިއަދު މެންދުރު 13:00 އެހާކަންހާ އިރު ވަނީ މާލެ ގެނެސްފައެވެ.