މި ދަތި އުނދަގޫ ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާ އިރު، ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މި ބަލީގައި ދަނީ މަރުވަމުންނެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަތި އުނދަގޫ ވަގުތުގައި އިންޑިއާއާ އެކު ވާ ކަމަށާއި އަދި އެމަނިކުފާނުގެ ހެޔޮ ދުއާ އިންޑިއާ ރައްޔިތުންނަށް ކުރައްވާ ކަމަށެވެ. އަދި މި ވައިރަސް އަކީ އެއްވެސް ބަޔަކަށް ހަމްދަރުދީވާ ވައިރަސް އެއް ނޫން ކަމަށާއި އެހެންކަމުން އުންމީދު ކުރައްވަނީ މުޅި ދުނިޔެ ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހައި މި ބަލިމަޑުކަމުން ވީހާވެސް އަވަހަކަށް އަރައިގަތުން ކަމަށް ވިދާޅުވިއެވެ.

މި ޓުވީޓާ ގުޅިގެން އިންޑިއާ އެމްބަސީން ވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން އިންޑިއާއަށް ކުރާ ސަޕޯޓު ބަލައިގަންނަ ކަމަށާއި މި ބަލިމަޑުކަމުން އަރައިގަތުމަށް އަބަދުވެސް ރާއްޖެއާއެކު އިންޑިއާ ވާނެ ކަމަށެވެ. އަދި ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އޮކްސިޖަން ލިބުން ދަތިވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. އަދި ތަނަވަސްކަން ހުންނަ މީހުން ކަޅު ބާޒާރުގައި އޮކްސިޖަން ގަނެގެން އަމިއްލަ ގޭގައިވެސް އަމިއްލައަށް ވަނީ ފަރުވާދޭން ފަށައިފައެވެ. ނިއު ދިއްލީގެ ގިނަ ހޮސްޕިޓަލުތަކެއް ފުރި، ބަލި މީހުން އެޑްމިޓްކޮށް ފަރުވާދެވޭނެ ގޮތްވެސް ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.