ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް 15 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އިބްރާހިމް ހަލީމު (ދޮންބިލެތް) ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން، ދޮންބިލެތް، ޝަރީފުގެ މައްޗަށް އެ ތުހުމަތުތައް ކުރެއްވީ، އެމްއެމްޕީއާރުސީގެ މައްސަލައަށް ޝަރީފުގެ މައްޗަށް ތުހުމަތުކޮށް މަޖިލިސް ތަޅުމުގަ އާއި މަޖިސް ތެރޭގައި ދޮންބިލެތް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޝަރީފު ވާހަކަ ދެއްކެވުމުން ރައްދު ދެއްވުމުގެ ގޮތުންނެވެ.

ދޮންބިލެތް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމަކީ ހަމައެކަނި، ޕީޕީއެމުން ކުރި ވައްކަމެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ ބައެއް މެންބަރުންވެސް ސާފުކޮށް ބައިވެރިވެފައިވާ ކަމަށެވެ. ޝަރީފަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި މެންބަރެކެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ނަމަވެސް މިހާރު މި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސް ކުރިނިް އޮތް ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ ހަތަކަށް ބަދަލު ކޮށްފައެވެ.

ދޮންބިލެތް ވިދާޅުވީ، 18 ވަަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރަކީ، ހުރިހާ އިރެއްގައިވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށެވެ.

ދޮންބިލެތް އެހެން ވިދާޅުވުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހަކީ އިމްތިޔާޒުތަކެއް ލިބިގެންވާ ތަނެއް ކަމަށްވިޔަސް އެހެން މެންބަރަކާ ގުޅޭ ގޮތުން ސާފުކޮށް އެފަދަ ވާހަކައެއް ވިދާޅުވާއިރު ބައްލަވަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، އެކަމަށްޓައި ކަމާބެހޭ ހުކުމާއި، އެބާވަތުގެ ކަންކަން ބޭނުންވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ސުވާލާ ގުޅިގެން ދޮންބިލެތް ވިދާޅުވީ، ރޯދަމަހުގެ ރޯމާ ދުވާލު ދޮގެއް ހަދަން ބޭނުން ނުވާ ކަމަށާއި، މަޖިލީހަށް ބިލު ހުށަހަޅަން 15 މިލިޔަނުން 20 މިލިޔަން ޝަރީފް ފައިސާ ނަގާފައިވާކަމުގެ ބަޔާނެއް އޭނާގެ އަތުގައި އެބައޮތް ކަމަށެވެ.

"ރައީސް އަޅުގަނޑުގެ އަތުގަ އެބައޮތް ލިޔުމެއް، އަޅުގަނޑުގެ އަތުގަ އެބައޮތް ބަޔާނެއް ފުލުސް އޮފީހުން ނަގާފައި އޮތް ބަޔާނެއް، މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު 15 މިލިޔަން 20 މިލިޔަން، ބިލެއް މިތަނަށް ހުށަހަޅަން ނަގާފަ އޮތްކަމުގެ، މީ ރައީސް ރޯމާދުވާލު ރޯދައަށް ހުރެ އަޅުގަނޑު ދައްކާ ދޮގު ވާހަކައެއް ނޫން،"

މަޖިލިސް ރައީސް ވިދާޅުވީ އެ ބަޔާން މަޖިލީހަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.