މިވަގުތު ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރޭ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި، ބާސެލޯނާއިން ތާވަލުގެ އެއްވަނައަށް އެރުމަށް ފުރުސަތު ފަހިކޮށްފިއެވެ.
އެތުލެޓިކޯއިން ރޭ ކުޅުނު މެޗުން 2-1 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެފައިވާއިރު، ބާސާއިން އެއްވަނައަށް އެރުމަށް ފުރުސަތު ފަހިކުރީ ރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވިލަރެއާލް ބަލިކޮށްގެންނެވެ.
ލީގުގެ ތިންވަނައިގައި މިވަގުތު ބާސާ އޮތް ނަމަވެސް، އެޓީމު އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެއްވަނައިގައި އޮތް އެތުލެޓިކޯއަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ. އެތުލެޓިކޯ އެއް ވަނައިގައި 33 މެޗުން 73 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ވިލަރެއާލް އަތުން ހޯދި ތިން ޕޮއިންޓާއެކު 32 މެޗުން 71 ޕޮއިންޓް ބާސާ ހޯދާފައިވާއިރު، އެޓީމަށް 33 މެޗުން 74 ޕޮއިންޓް ހޯދާ، އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
އެތުލެޓިކޯއިން އަވޭގައި ކުޅުނު މެޗުގައި ފުރަތަމަ ބިލްބާއޯއިން ލީޑު ނަގާފައިވާއިރު، މެޗުގެ 77 ވަނަ މިނެޓްގައި އެތުލެޓިކޯގެ ސަވިޗް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން އެތުލެޓިކޯ ބަލިވީ ނިމެން ދަނިކޮށް އިންޑިގޯ މާޓިނޭޒް ޖެހި ގޯލުންނެވެ.
ވިލަރެއާލްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވިލަރެއާލްއެވެ. ހަލުވި ހުނަވެރިކަމާއެކު ވިލަރެއާލްގެ ނައިޖީރިއާ މިޑްފީލްޑަރު ސެމިއުލް ޗުކުވޭޒާ އޭރިއާ ތެރެއަށް ވަދެ ބާސާ ގޯލްކީޕަރުވެސް ނައްޓާލާފައި ހިތްގައިމު ގޯލެއް ޖަހައިދިންއިރު، އަލުން ކުޅުން ފަށައި ބޯޅަ ކޮށްޓާލި ގޮތަށް ބާސާއިން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.
އެންޓޮއިން ގްރީޒްމަން ގޯލްކީޕަރު ބޯމަތިން މަޑުމަޑުން ގޯލް ތެރެއަށް ބޯޅަ ވައްޓާލައިގެން ޖެހި ގޯލާއެކު ބާސާއިން ނަތީޖާ ހަމަހަމަ ކުރިއިރު، މެޗުގެ 35 ވަނަ މިނިޓްގައި ވިޔަރެއާލްގެ ފަހަތަށް ކުޅޭ ހުއާން ފޮއިތުގެ ބެކް ޕާހެއް ހޯދައި، ގްރީޒްމަން ވަނީ ބާސާއަށް ނަތީޖާ އަނބުރާލަ ދީފައެވެ.
ވިޔަރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 65 ވަނަ މިނިޓްގައި ވިޔަރެއާލްގެ މަނޫ ޓްރިގޭރޯސް ބާސެލޯނާގެ މެސީއަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ރަތް ކާޑެއް ވެސް ދައްކައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު