ފީޗާރޑް

އޭދަފުއްޓަށް ކޮވިޑް ފެތުރުނީ ކިހިނެއް؟

ރިފާ ހަލީލު

ބ. އަތޮޅު އޭދަފުއްޓަކީ އެއަތޮޅު މީހުންގެ ވިޔަފާރީގެ މައި ހަބެވެ. އާބާދީގެ ގޮތުން ބެލިޔަސް އެރަށަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ތަފާތު އެކި ބޭނުންތަކަށް ދުވާލެއްގެ މައްޗަށް އެތައް ބަޔަކު އެރަށަށް ދެ އެވެ. މާލެ އާއި ދެމެދު ފެރީގެ ހިދުމަތް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޮވެ އެވެ. ކޮވިޑުގެ ބަލި މަޑުކަމާއެކު އެތައް ބަޔަކު އެ ރަށަށް ކަރަންޓީނު ވުމަށް ގޮސްފައިވީ ނަމަވެސް ކަރަންޓީނާ ވެސް ބަޔަކު ހިލާފުވެފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށް އޭދަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވް ވުން ފިޔަވައި އިތުރު އެއްވެސް މީހަކު މުޖުތަމައު ތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެހެން ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު، ބަލިވެގެން އެރަށު ފުލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މުޅި ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން އެ ރޭ ފުލޫ ކްލިނިކަށް ދެއްކި ފިރިހެނަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް މިއީ ދެ ކްލަސްޓާއެކެވެ. އެއަށްފަހު ރެންޑަމް ސާމްޕަލްތައް ނަގަން ފަށާފައިވާއިރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވަން އަށް ވިދާޅުވީ އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ އަކީ މިފަހުން އެއްވެސް ރަށަކަށް ދަތުރުކުރި މީހެއް ނޫން ކަމަށާއި ނަމަވެސް ދެވަނަ އަށް ޕޮޒިޓިވް ވެފައިވާ މީހާ އަކީ މަސްވެރިއެއް ކަމަށެވެ.

ރަޝީދު ވިދާޅުވީ މިހާތަނަށް 800 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް އޭދަފުށިން ނަގާފައިވާ ކަމަށާއި އޭގެތެރެއިން 109 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް 40 ސާމަޕްލެއްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް 865 ސާމަޕަލެއް އަޅުގަނޑުމެން ނަގައިފިން. ނަތީޖާ ނުލިބި އެބައިން 40 ސާމްޕަލެއް. ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން މިއަދާ ހަމަޔަށް 109 މީހަކު ޕޮޒިޓިވް ވެފަ ވަނީ. ސީދާ ރަށަށް ބަލި އައި ގޮތް ބުނަން ވަރަށް ދަތި. ފުރަތަމަ ގަބޫލު ކުރެވުނީ ފެލިވަރު ކްލަސްޓާ އާ ގުޅުން ހުރި ކޭސްތަކެއް ކަމެއް. އެކަމަކު މަސްވެރިޔާ އެބަ ބުނޭ އެ މީހުން މިފަހަކުން ފެލިވަރަށް ނުދަމޭ. ދެން ފުރަތަމަ ޕޮޒިޓިވް ވި މީހާ އެއީ އެހެން ކްލަސްޓާއެއް. އަދި ނޭނގެ އެހެން ބުނާކަށް." އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ މިހާރު ޕޮޒިޓިވް ވަމުންދާ މީހުންގެ ތެރޭގައި އެ ރަށު ސްކޫލް ދަރިވަރުންނާއި މުވައްޒަފުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ރަށުގައި ހުންނަ އަމާންވެށީގެ މުވައްޒަފުން ތަކަކާއި އެތަނުން ހަތަރު ކުއްޖަކުވެސް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް މިވަގުތު އެޑްމިޓްކޮށް ފަރުވާދެމުން ނުދާ ކަމަށާއި އެންމެންގެ ހާލުވެސް އަދި ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލި ފެތުރުނީ ފެރީތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފަރާތުންތަ؟

އޭދަފުއްޓަކީ މާލެ އާއި ދެމެދު ދަތުރު ކުރާ ގިނަ އަދަދެއްގެ ލޯންޗު ފެރީތައް އޮންނަ ރަށެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ފެރީތަކުގެ ދަތުރުތައް އޮވެ އެވެ. އެހެން ކަމުން އެރަށަށް ބަލި ފެތުރުނީ މި ފެރީތަކުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އެކަމަކު ރަޝީދު ވިދާޅުވީ މި ފެރީތަކުގައި މަސައްކަތް ކުރާ އެއްވެސް ފަޅުވެރިޔަކު އަދި ކެޕްޓަނަކުވެސް މިހާތަނަށް ނެގުނު އެއްވެސް ސާމްޕަލަކުން ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. އެހެން ކަމުން ރަށަށް ބަލި ފެތުރުނީ އެމީހުންގެ ފަރާތުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެހެން ކަމުން އެފަދަ ފަރާތްތަް ކުށްވެރިކޮށް ވާހަކަ ނުފެތުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ނަމަވެސް ފެރީ ތަކުން ގެންދާ ހަދިޔާ ފޮށިގަނޑުތަކުންނާއި އެހެނިހެން ތަކެތިން އޭދަފުއްޓަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްހެން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނަސް ހަގީގަތަށް ބުނަންޏާ ފެރީތަކުގެ ކެޕްޓަނުން ނޫނީ ފަޅުވެރިންގެ ފަރާތުން މިހާތަނަށް މި ބަލި ފެނިފައެއް ނުވޭ. އެހެން ވީމަ އެމީހުންގެ ފަރާތުން ރަށަށް ބަލި ފެތުރުނު ކަމަށް ގަބޫލެއް ނުކުރެވޭ. އެކަމަކު ފެރީތަކުން ގެންނަ މުދަލުން ނޫނީ ހަދިޔާ ފޮށިގަނޑުތަކުން ނޫނީ އެ ނޫންވެސް އެހެން އެއްޗަކުން ރަށަށް ބަލި ފެތުރުމެ ޗާންސް ވަރަށް ބޮޑުު. އެއީ ކޮންމެއަކަސް މާލެ އަކީ ބަލި ފެތުރޭ ރަށެއް. ވައިރަސް ހުންނާނެ ދެއްތޯ ކޮންމެ ގޮތެއް ވިޔަސް. މިސާލަކަށް މި ރަށު މީހަކަށް ފޮނުވާ ހަދިޔާ ފޮށިގަނޑު ހިފައިގެން އައިސް ދާނެ ބަލި ހުރި މީހެއް. އޭނަ ނުބުނަންޏާ ފެރީގަ ތިބޭ ކުދިންނަށްވެސް ނޭނގޭނެ. ދެން އެއްޗެހިތައް ރަށުތެރެއަށް ދޫވެގެން މިދަނީ ޑިސްއިންފެކްޓްވެސް ކުރުމެއް ނެތި. އެހެންވީމަ މީގެން ބަލި ފެތުރުމުގެ ޗާންސް އެބަ އޮތް." އޭނާ ވިދާޅުވި އެވެ.

އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅެ އޭދަފުށީގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން ހޮޓާ ރެސްޓޯރަންޓްތައް ބަންދުކުރުމާއި، ސްކޫލް ބަންދުކުރުމާއި، އެއްގެއިން އަނެއް ގެއަށް ދިޔުންވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ހަމަޔަށް ކަމަށް ވަނީ އަންގާފަ އެވެ. އެހެން ނަމަވެސް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ޑެލިވަރީ ކުރަން އެދުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރަށު އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޖޯލިފަތިތަކުގައި ނުތިބުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަށުގެ އާންމު ހާލަތު ރަނގަޅު ނޫން ނަމަވެސް ރަށަށް ބޭނުންވާ ޒަރޫރީ ތަކެތި މިވަގުތަށް ރަށުގައި އެބަހުރި ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.