ރޭޕް ކުރުމާއި މީހުން މެރުމާއި ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ކުށްތަކުގައި ތުހުމަތުވާ ފަރާތްތަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އެޕާޓީން މިރޭ ނިންމައިފިއެވެ.

ބިލަބޮންގް ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރޭޕް ކުރުމާއި މީހުން މެރުމާއި ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުގައި ތުހުމަތުވާ ފަރާތްތަކަށްވެސް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރިކަމަށް ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރިނުވެވޭނެއެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް އެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީން މިގޮތަށް ފާސްކޮށްފައިވާ އިރު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރުވެފައިވާ މެމްބަރުންނަށް ނޫނީ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ފާސްކޮށްފައެވެ. އަދި އެމްޑީޕީ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓުވެސް އާންމު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއްވެސް މިރޭ ވަނީ އެކުލަވާލައިފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ގާނޫނީ ވަކީލް ނާޒިމް އަބްދުލް ސައްތާރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، އަހުމަދު ޝާހިދު (ސާބެ)، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާންވެސް ނިންމައިފައެވެ. ނަމަވެސް ކެނޑިޑޭޓުން އަމިއްލަ ގޮތުން ހުށަހަޅައިފިނަމަ އެމްޑީޕީން އެފަދަ މައްސަލައަކަށް ތާއީދު ކުރުމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.