މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން އެމްޑީޕީން މިރޭ ނިންމައިފިއެވެ.
މާލޭގެ ހަ ދާއިރާއެއްގެ ދެ ކެންޑިޑޭޓުންގެ ފަރަގަށް ވުރެ ބާތިލު ވޯޓު ގިނަ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ދާއިރާތަކުގެ ވޯޓު އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައެވެ. އަދި ބައެއް ގޮނޑިތަކުގެ މައްސަލައިގައި ކޯޓަށް ދާންވެސް މީގެ ކުރިން ނިންމާފައިވެއެވެ.
ބިލަބޮންގް ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން ނިންމައިފައެވެ.
ނަމަވެސް ކެންޑިޑޭޓުން އަމިއްލަ ގޮތުން ހުށަހަޅައިފިނަމަ އެމްޑީޕީން އެފަދަ މައްސަލައަކަށް ތާއީދުކުރުމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
މިރޭގެ ބައްދަލުވުމުގައި ރޭޕްކުރުމާއި މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުގައި ބައިވެރިވި ކަމަށް ހާމަވެފައިވާ ފަރާތްތަކަށްވެސް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވޭނީ އެއް އަހަރު ވެފައިވާ މެމްބަރުންނަށެވެ. އަދި މިރޭ ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.