ގދ. ތިނަދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ތިނަދޫން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާއަކީ ކަރަންޓީނުގައި ނެތް ފަރާތެކެވެ.

އެ ހޮސްޕިޓަލުން ވަނީ ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ.

ތިނަދޫ ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.