އެތައް އަންހެނުންތަކެއް ބޭނުން ކޮށްގެން ފައިސާގެ މުގާބިލުގައި ޖިންސީ އަމަލު ހިންގުމާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި، ތައިލެންޑް މީހެއް ކަމަށްވާ މިސިސް ސުޖިތުރާ ޖިތުމަން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.

ގ.ނިލަންފަރު ގޭގެ ގްރައުންޑާއި ފަސްޓް ފްލޯގައި ބިދޭސީ އަންހެނުން ބައިތިއްބައިގެން ފައިސާގެ މުގާބިލުގައި ޖިންސީ އަމަލު ހިންގުމާއި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް މިސިސް ސުޖިތުރާ ޖިތުމަންގެ މައްޗަށް ތުހުމަތުކުރެވިގެން އޭނާ ހައްޔަރު ކުރީ ހުސްވި މާޗްމަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އޭނާ ބަންދުގައި ބަހައްޓަން އެ ކޯޓުން އަމުރު ކުރުމުން، އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގައި އޭނާ އެދިފައިވަނީ، ކުރިމިނަލް ކޯޓުން ކޮށްފައި ވަނީ ގާނޫނާ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ އެ އަމުރު ބާތިލު ކޮށްދިނުމަށެވެ.

އެ މައްސަލައިގައި، ބޮޑަށް ފާހަގަ ކޮށްފައި ވަނީ އޭނާ ބަންދު ކުރުމުގައި ގާނޫނު އަސާސީގައި ބުނާ ގާނޫނީ ވަކީލުގެ ގައްގު ލިބިދީފައި ނުވާ މައްސަލައެވެ.

އެ މައްސަަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައިވެސް ބުނެފައި ވަނީ، އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އެކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ހައްޔަރުކުރެވޭ މީހުންނާއި، ބަންދު ކުރެވޭ މީހުންނަށް ލިބިގެންވާ ގާނޫނީ ވަކީލުގެ ހައްގު މިސިސް ސުޖިތުރާ ޖިތުމަން އަށް ލިބިނުދީ ކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިމިނަލް ކޯޓުގެ ކޯޓު އަމުރު ހައިކޯޓުން ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާތިލުކޮށް ހުކުމް ކުރާ ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ.