ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކަށް ގޭސް ހޮޅި އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ، ކޮންމެ ފްލެޓަކަށް ލިފްޓުން ގޭސް އެރުވުމަކީ ދަތި ކަމަކަށް ވާނެ ކަމަށާއި އެހެން ކަމުން މޯލްޑިވްސް ގޭސްއާ ވާހަކަ ދައްކައިގެން ފްލެޓްތަކަށް ގޭސް ހޮޅި އެޅުމުގެ ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އެ ފްލެޓްތަކުގައި މީހުން އުޅެން ފަށަންވާ އިރަށް އެކަން ނުނިމިދާނެ ކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ، މާ ލަސްތަކެއް ނުވެ އެކަން ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ދެން އޭގަ ޗެލެންޖަސްތަކެއް ހުރީމަ މަޝްވަރާތައް ކުރަމުން މި ދަނީ،" ސުހައިލް ވިދާޅުވި އެވެ.
އެހާ އުސް އިމާރާތަކަށް މިހާތަނަށް ރާއްޖޭގައި ގޭސް ހޮޅި އަޅާފައި ނުވާކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ.
ފްލެޓްތަކުގައި ނިމިފަ ހުރި މަސައްކަތްތަކަށް ވުރެ ގިނައީ ނުނިމި ހުރި މަސައްކަތްތައް ކަމަށް ސުހައިލް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ފްލެޓަކަށް ވަންނަ މައި ދޮރު ހަރުކޮށްފައި ހުރި ނަމަވެސް އެއްވެސް ކޮޓެރިއެއްގެ އަދި ފާހަނައިގެ ދޮރެއް ވެސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓުވައިރު ކޮށްފައި ހުރި ނަމަވެސް ފަންކާއެއް ބޮތްކެއް ވެސް ނެތް ކަމަށާއި ތަށިމުށި ޖަހާފައި ހުންނާނީ ހަމައެކަނި ފާހަނާތަކުގައި އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.
އެ ފްލެޓްތަކުގެ ކުލިތައް މިހާރު ކަނޑައަޅާފައި ހުރި ނަމަވެސް ވެރި ފަރާތްތަކާ ތަޅުދަނޑި ހަވާލުކޮށް ފުރަތަމަ ތިން މަހު އެއްވެސް ކުއްޔެއް ނުނަގާނެ ކަން ސުހައިލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ތިން މަހު ކުލި ނުނަގަނީ ފިނިޝިންގެ މަސައްކަތް ކޮށް ނިންމާލުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު