ޓްރާންސިޓް ޓޫރިސްޓުންނާއި ޑުއަލް ޑެސްޓިނޭޝަން ޓޫރިސްޓުންނަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ސީދާ އިންޑިއާ އިން ގަލްފުގެ ގައުމުތަކަށް ދަތުރުކުރުމުގައި ހުރަސްތަކެއް ހުރުމާއެކު އިންޑިއާ މީހުން ގަލްފަށް ދިއުމުގައި މަޑުކުރާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން މިވަގުތުވެސް އިންޑިއާގެ އެތައް ރައްޔިތުންގެ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އެބައުޅެއެވެ.

އިންޑިއާއިން ގަލްފުގެ ގައުމުތަކަށް ދާން ޖެހެނީ 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުމަށްފަހުއެވެ. ނުވަތަ ބަލިމަޑުކަމުގެ ހާލަތު މާ ގޯސް ނޫން ގައުމެއްގައި އެ މުއްދަތަށް މަޑުކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުރު މުއްދަތާއި ދިގު މުއްދަތުގެ ޓްރާންސިޓް ފަތުރުވެރިންނާއި ދެ ވަނަ މަންޒިލަކަށް ދަތުރުކުރާ ނުވަތަ ޑުއަލް ޑެސްޓިނޭޝަން ފަތުރުވެރިންނަކީ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި ދުބާއީ އާއި ސިންގަޕޫރަކީ އެކަމުގެ މިސާލެއް ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށްގެންދަން ވާނީ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގެ ހުރިހާ ބައިވެރިން ނުހަނު ޒިންމާދާރުކަމާ އެކީ އެދަނީ ދުނިޔެއަށް ނަމޫނާ ދައްކަމުން. އެންމެން ގުޅިގެން އިންޝާﷲ މިކަން ކާމިޔާބު ކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާ ފަތުރުވެރިން ކަރަންޓީން މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރާނެ ކަމެއް ކަމުގައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމާ ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އެބަހުއްޓެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 36،5000 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، އެންމެ ގިނައީ އިންޑިއާގެ ފަތުރުވެރިންނެވެ. އެގައުމުން އެކަނިވެސް 80،000 ވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.