ދޯންޏެއްގައި އަލިފާން ރޯވެ، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކ. ކުޑަ ވިލިނގިލި ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 3:23 ހާއިރު ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެ ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އަނިޔާވީ ދިވެހި ފަޅުވެރިޔަކާއި ބިދޭސީ ފަޅުވެރިޔަކަށް ކަމަށާއި އެ ދެމީހުންނަށް ފަރުވާދިނުމަށް ލޯންޗެއްގައި ކ. ތުލުސްދުއަށް ގެންދިއުމަށްފަހު، އެމްއެންޑީއެފް ފަޔާ ލޯންޗުގައި މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ދޯނީގައި ރޯވެފައިވަނީ އެ ދޯނީގެ ބަދިގޭގައި ކައްކަން އުޅުމުގެ ތެރޭގައި ކަމަށާއި ދޯނި މިހާރު އޮތީ ދެ ފެން ދޭތެރޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު