ޚަބަރު

ޖައްވަށް ބޭރުކުރާ ވިހަ ގޭސް 50 ޕަސެންޓަށް ކުޑަކުރަން ނިންމުމުން ބައިޑަން އަށް ރައީސް ސޯލިހުގެ މަރުހަބާ

އެމެރިކާ އިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް 50 އިންސައްތައަށް ކުޑަކުރަން ނިންމުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާ އިން ޕެރިސް ކްލައިމެޓް އެގްރީމަންޓުގައި ބައިވެރިވުމުގެ ގޮތުން އެގައުމުން 2030 ވަނަ އަހަރުގެ ކުރިން ޖައްވަށް ދޫކުރާ ވިހަ ގޭސް 50 އިސައްތައަށް ކުޑަކުރުމަށް ނިންމިކަން އެގައުމުގެ ރައީސް ބައިޑަން ވަނީ އިއްޔެ އިއުލާންކުރައްވައިފައެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ރައީސް ސޯލިހު ރޭ ކުރެއްވި ޓުވީޓެއްގައި، އެމެރިކާގެ ރައީސް ބައިޑަންއަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެކަމުގެ ގެއްލުންވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމެރިކާ ފަދަ ގައުމަކުން އެކަމަށް މިސާލު ދެއްކުމުން އުފާކުރައްވާ ކަމަށެވެ.

ވާޗުއަލް ކްލައިމެޓް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ބައިޑަން އިއްޔެ ވިދާޅުވީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރަން ނިންމި ނިންމުމަކީ 2050ގެ ކުރިން އެމެރިކާއިން ވިހަ ގޭސްތައް ބޭރުކުރުން އެއްކޮށް ނައްތައިލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހައްލެއް ގެނެވޭނީ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.