އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް ބުނެފިއެވެ.
މާދަމާއަކީ ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ. އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު، 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރައިލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޔާމީން މަރާލާފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް ބަޔަކު އޭނާއަށް މަރުގެ އިންޒާރުތައް ދިނުމަށްފަހުގައި ކަމަށެވެ. އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ފާސްކުރުމުން ޔާމީން ރަޝީދާއި މަރާލައި އަދި ގެއްލުވާލާފައިވާ އެއްވެސް މީހަކަށް އިންސާފު ހޯދައިދިނުން ނުނިމޭނެ ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހަށް ހަނދާންކޮށްދޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ 2014 އާއި 2017 ވަނަ އަހަރާ ދެމެދުގައި ޔާމީނަށް ފޮނުވަމުންދިޔަ މަރުގެ އިންޒާރުތައް އެކި ފަހަރު މަތިން ފުލުހުންނަށް ރިޕޯޓުކޮށް، އެހީތެރިކަމަށް އެދިފައިވީ ނަމަވެސް ފުލުހުންގެ އެއްވެސް ސަމާލުކަމެއް އޭނާގެ ރައްކާތެރިކަމަށް ދީފައިނުވާ ކަމަށާއި އަދި މިއަދާ ހަމައަށް ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުވާފައި ނުވާކަމަށްވެސް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އިން ބުންޏެވެ.
ބަޔާނުގައި ވަނީ ޑރ. އަފްރާޝީމް އަލީގެ ގަތުލާއި ރިލްވާން އަބްދުالله ގެއްލުވާލުމާއި އަދި ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލަތަކަކީ ގުޅިފައި ހުރި މައްސަލަތަކެއް ކަމަށް މަރު ކޮމިޝަނުން ތަކުރާރުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ، ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް އެޕާޓީގެ ބޭފުޅަކު ހުންނެވި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އަކީ މިފަދަ އަނިޔާތައް ހުއްޓުވައި، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމުގެ ވާހަކަދައްކާ ޕާޓީއަށްވީ ނަމަވެސް، އެފަދަ އަނިޔާގެ މައްސަލަތަކުގައި ތުހުމަތުކޮށް، ދައުވާ އުފުލައި، މިހާރުވެސް ތަހުގީގުތަކުގައި ޝައްކުކުރެވޭކަން ކަނޑައެޅިގެން އެނގޭ ބަޔަކު އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ކެބިނެޓުގެ މިނިސްޓަރުން އެމީހުންގެ ވިޔަފާރިތައް އިޝްތިހާރުކުރުމަކީ އަނިޔާވެރިންނަށް ރައްކާތެރިކަން ދިނުން ކަމުގައި ދެކެން،" ބަޔާނުގައިވެއެވެ.
ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ވަނީ އުފުލައިފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ފަށައިފައެވެ.
ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގައި ހިންގަން ފެށި ޝަރީއަތްތައް މިއަދާ ހަމައަށްވެސް ނުނިމި، މިދިޔަ އަހަރުގެ ތެރޭގައި އެއްވެސް އަޑުއެހުމެއް ނުބާއްވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 142 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް ބުންޏެވެ.
"ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުالله ގެއްލުވާލި މައްސަލައިގެ ޝަރީއަތް 2018 ވަނަ އަހަރުގައި ނިމުނު އިރުގައި، ދައުވާ ލިބުނު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުކުރެވުނީ ހެކި ނެތިގެން ނޫންކަމާއި އަދި ދައުލަތުގެ ފަރުވާކުޑަކަމުން ކަން ކޯޓުގެ ހުކުމުގައި އޮތުމާ އެކު، ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި ދައުލަތުގެ ވަކީލުންގެ ފަރާތުން އަނެއްކާވެސް ފަރުވާކުޑަކަން ފެންނަމުންދޭ،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދި ނަމަވެސް މިދިޔަ އަހަރު ނިމުނު އިރުވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގޮސްފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު