ސުޕްރީމް ކޯޓް

ޖިންސީ ގޯނާ ކުރި ކުށުގައި ހައްޔަރުކުރި ބިދޭސީއަކު ދޫކޮށްލުމުގެ އަމުރަށް ސުޕްރީމް ކޯޓުން ވެސް ތާއީދު

އިބްރާހިމް ޒަކީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި ހައްޔަރުކުރި ބިދޭސީއަކު ދޫކޮށްލަން ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.

މި މައްސަލައަކީ ބަންގްލާދޭޝް ރައްްޔިތެއް ކަމަށްވާ އަބްދުއްސަލާމުގެ މައްޗަށް ތުހުމަތު ކުރެވޭ، ކުޑަކުދިންނަށް ޖިންސި ގޯނާ ކުރުމުގެ ކުށާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި، އޭނާ ބަންދު ކުރުމަށް ކޯޓުގައި އެދިފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

އެހެންކަމުން މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އޭނާއާ މެދު ތުހުމަތު ކުރެވި، ތަހުގީގު ކުރިއަށް ގެންދާ މައްސަލައެއް ކަމަށްވާއިރު، މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ، ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނެއް އޮއްވައި ހާއްސަ އުސޫލު ދޫކޮށް އާއްމު އިޖުރާއަތަކަށް ދިއުމަކީ ކުރެވެން އޮންނާނެ ކަމެއް ނޫންކަން މިހާތަނަށް ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުން އެނގެން އޮންނާތީ މި މައްސަލައިގައި ޝަރީއަތް ނިމެންދެން އަބްދުއްސަލާމް ބަންދު ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލުމަށް ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ.

އެހެންކަމުން ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓުންކުރި އެ އަމުރާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓުން އަމުރުގެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.

އެ މައްސަލަ ބަލައި ސުޕްރީމްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އެ މައްސަލައިގައި، ހައިކޯޓުން ނިންމާފައި ވަނީ، ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ، ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.