ޚަބަރު

އޯޑީގެ މުއްދަތު އިތުރުކޮށްދިނުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރު) އަށް ދީފައިވާ ހުއްދައިގެ މުއްދަތު މަޖިލީހުން އިތުރުކޮށްދިނުމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ލަފާ ދެއްވައިފިއެވެ.

ޒިޔަތު މިގޮތަށް ލަފާދެއްވީ އޯޑީ ފެސިލިޓީ އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރަމުންގެންދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން ކޮމިޓީ މެންބަރުންނަށް މައުލޫމާތުދެއްވަމުންނެވެ.

ޒިޔަތު ވިދާޅުވީ ކޮވިޑުގެ ހާލަތުން މިހާތަނަށް ރާއްޖެއަށް އަރައިގަނެވިފައި ނުވާ އިރު، އިގުތިސާދީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރާއްޖޭގެ އިގިތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ދައުލަތަށް އާމްދަނީ ވަންނަ މައި ދޮރު، ޓޫރިޒަމް ދާއިރާ ރަނގަޅަށް ހިނގައިގަނެފައި ނުވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޯވާޑްރާފްޓް ފެސިލިޓީ ރީފައިނޭންސްކޮށް، ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތަށް މި ހާލަތުގައި ދިއުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ މިދިޔަ އަހަރާއި މިއަހަރުގެ ދައުލަތުގެ ހަރަދަށް ބަލާއިރު މިދިޔަ އަހަރު ބަޖެޓް ޑެފިސިޓްގެ ގޮތުގައި 15 ބިލިއަން އަދި މިއަހަރު 12 ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް އޮތުމުން ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ކޮމިޓީން ދިރާސާކޮށް އެ މުއްދަތު ސަރުކާރަށް ދިނުމާ މެދު، މިރޭ ގޮތެއް ނިންމަން ސުންގަޑި ކަނޑައަޅާފައިވާ އިރު، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އޯވަޑުރޯ ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރި ނަމަވެސް، މިހާރު ދީފައިވާ އަދަދަށްވުރެ އޯވަޑްރޯ ކުރާ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އޯވަޑްރޯގެ މުއްދަތު އިތުރުކޮށްދިން ނަމަވެސް މިހާރުވެސް ހުއްދަ ދީފައިވާ 4.4 ބިލިއަނަށް ވުރެ އޯވަޑްރޯގެ އަދަދު އިތުރު ނުކުރައްވާނެ ކަމަށެވެ. އަދި އެ އަދަދު އިތުރުކުރުމަށް އެމްއެމްއޭއިން ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހުއްދައިގެ ދަށުން ނަގާ ފައިސާ މިއަހަރު ނިމޭއިރު ދައްކައި ހަލާސް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.