ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ތުހުމަތުތައް ކުރާ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކޮށްފައި ވަނީ މަޑުއްވަރީއަށް ނިސްބަތްވާ އެ ރަށު ސްކޫލުގެ ޓީޗަރު މުއީން ހަސަނެވެ. އޭނާއަކީ ރޭޕް ކުރި އަންހެން ކުއްޖާގެ ވެސް ޓީޗަރެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަަސްޕެންޑް ކުރީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރެއެވެ.

އަހުމަދު އަލީ ވިދާޅުވީ މަޑުއްވަރީ ދަރިވަރަކު ރޭޕް ކުރި ކަމަށް ބުނެވޭ މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރާ ގުޅޭ ރަސްމީ މައްސަލައެއް ހުށަހެޅުމުން، އިދާރީ ތަހުގީގެއް މިނިސްޓްރީން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި އޭނާ ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހަށް ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

"މީޑިއާގައިވެސް ވަރަށް ބޮޑަށް ދައުރުވި މައްސަލައެއް އެއީ. ދަރިވަރަކު ރޭޕް ކުރި މައްސަލަ. އެމައްސަލަ ރަސްމީކޮށް މިނިސްޓްރީއަށް ހުށަހެޅުމުން މައްސަލަ ބަލަމުން މިހާރު އަންނަނީ. ދެން ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން 30 ދުވަހުގެ މުއްދަތައް ސަސްޕެންޑް ކުރެވިފައިވަނީ،" އަހުމަދު އަލީ ވިދާޅުވިއެވެ.

މުއީން ހަސަނަކީ އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަރާތް ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. އެގޮތުން އެ އަންހެން ކުއްޖާ ސުކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސަށް ގެންދިޔައީވެސް އެ ޓީޗަރު ކަމަށް އެރަށުގެ ބައެއް ރައްޔިތުން ބުނެއެވެ.

މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު މަޑުއްވަރީގައި ތިން މީހަކު ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ. ފުލުހުން ބުނީީ ރޭޕް ކުރިކަން އަދި ތިން މީހަކު ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެ ރަށުން މީގެ ކުރިން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

"އެ ކުއްޖާ އެބަ ބުނޭ މޫނު ނިވާކޮށްގެން ހުރި ދޭއް ނުވަތަ ތިން މީހަކު ހުރި ކަމަށް. އޭގެ ތެރޭގައި ފުލުހުންގެ ޔުނީފޯމް އެޅި މީހަކާއި ޓީޗަރެއް ވެސް ހިމެނޭ ކަމަށް. އެކަމަކު ވެސް ހެއްކެއް ނެތޯ މީހަކު ހައްޔަރު ކުރެވޭ ވަރަކަށް. މި އަޅެ އަރެތެއް ނޫންތޯ،" އެރަށުން އެ ހާދިސާއާ ބެހޭ ގޮތުން މީގެ ކުރިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މައްސަލައިގައި ޖިންސީ ގޯނާގެ އަނިޔާ ލިބުނު ކުއްޖާ ވަނީ މާލެ ގެނެސް، ޑޮކްޓަރަށް ދައްކައިފައެވެ. އަދި އެ ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އިން ވެސް އަންނަނީ ބަލަމުންނެވެ. އޭގެ އިތުރުން އެ މައްސަލާގައި ފުލުހަކު ހިމެނޭ ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި އެ ރަށުގެ ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނާ ވެސް ވަނީ ކުރިމަތިލައިފައެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ވަނީ ގެންގޮސްފައެވެ. ނަމަވެސް އެ އެންމެން ވަނީ ފަހުން ދޫކޮށްލައިފައެވެ.