ރިޕޯޓް

އެމްޓީސީސީ ރައްޔިތުންގެ ދަރީން: ބައްޕަގެ ޖުމުލައިން ހިތްފަޅައިގެން ދިޔަ އަންހެން ދަރިފުޅުގެ ބަދަލުވި ހަޔާތް

އަލީ ޔާމިން

2

އަންހެނަކަށްވުމުން ތަފާތުކުރުން ގެންގުޅުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ވަރަށް ނާތަހުޒީބީ އާދައެކެވެ. އަންހެނެއްވިއްޔާ ވަޒީފާއެއް ހޯދަން އެހާ އުނދަގުލީ ޔޯލައެވެ. ވަޒީފާއެއް ލިބުނަސް ލިބެނީ އެންމެ އާދައިގެ މުސާރައެއް ލިބޭ ދަށު ފެންވަރުގެ ވަޒީފާއެކެވެ. ކުރާން ޖެހޭނީ ވަކި ކަހަލަ ކަންތައްތަކެކެވެ. ވަކި ކަހަލަ ވަޒީފާއެއް ނޫނީ އަދާކޮށްގެން ނުވާނެ އެވެ. މި ފަދަ ވިސްނުންތައް އަދިވެސް ދިވެހީންގެ ތެރޭގައި ވަކި ހިއްޕާފައިވާ މިންވަރު ކުޑައެއް ނޫނެވެ. އެކަމަކު މިއީ އަންހެނުންނަށް ހައްގު މިންވަރުތޯއޭ ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ.

އަންހެނުންނަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން ވަޒީފާތައް އަދާކުރެވިދާނެއެވެ. އަންހެނަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެއޭ ބުނުމަކީ ބުނެލަން ފަސޭހަ ނަމަވެސް ވިސްނައިފިނަމަ ޒަމީރު އެއްބަސްވާ ކަމަކަށް ނުވާނެއެވެ. އެހެނީ ހިތްމަތާއި މިންނަތާއެކު ކުރިމަތިލައިފި ނަމަ ކޮންމެ ވަޒީފާއަކީވެސް އަންހެނުންނަށް އަދާކުރެވޭނެ ވަޒީފާއަކަށްވާތީ އެވެ. އެއީ ކަނޑު ބޯޓެއްގެ ކައްޕި ކަމުން ފެށިގެން ރާނާ ސިމެންތި ޖެހުން ކަމަށްވިޔަސް ވެހެވެ.

އަންހުންނަށްވެސް ކޮންމެ މަސައްކަތެއް ކުރެވިދާނެކަން ހެއްކާއެކު މިފަހަރު ސާބިތުކޮށްދިނީ އެމްޓީސީސީން އާންމުންނަށް ދޫކޮށްލާފައިވާ "ރައްޔިތުންގެ ދަރިން" ވީޑިއޯ އިންނެވެ. ގާތްގަނޑަކަށް ނުވަ މިނެޓުގެ އެ ވީޑިއޯއިން ދައްކުވައިދެނީ އަންހެނަކަށްވީތީ ވަކި މަސައްކަތެއް ކުރުމުން އެކަހެރިވާން ނުޖެހޭނެ ކަމެކެވެ. ވަކި މަސައްކަތެއް ކުރުމުން ބާކީވާން ނުޖެހޭ ކަމެކެވެ. އަންހެނުންނަށްވެސް އާއިލާއެއްގެ ޒިންމާ އުފުލައި، ރަނގަޅު މުސާރައެއް ލިބޭނެ ވަޒީފާއެއް އަދާކުރެވިދާނެކަން އެ ވީޑިއޯއިން ދައްކުވައިދެއެވެ.

ފޭސްބުކް މެދުވެރިކޮށްވެސް 36،000 ވުރެ ގިނަ ވިއުސް ލިބިފައިވާ އެ ވީޑިއޯގައި ލީޑު ރޯލުން ފެނިގެންދަނީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާން ފަންނާނު ވާޝިޔާ މުހައްމަދު (ޝިޔާ)އެވެ. އެ ވީޑިއޯގައި ދެން ފެނިގެންދަނީ ޝިޔާގެ ކޮއްކޮއާއި މައިންބަފައިންގެ ރޯލު އަދާ ކުރާ މީހުންނެވެ.

ކާރޫބާރޫ ބޮޑު މާލޭގެ އެންމެ އާދައިގެ ގެއެއްގެ ފެންޑާގައި އާއިލާގެ ހުރިހާ މެންބަރުން ތިބީ ހާސްކަން މަތީގައެވެ. ފަހާ ފޮށިން ކޮންމެވެސް އެއްޗެއް ފަހަން އިނދެގައި މަންމަ ބުނެއެވެ.... "ޖެހިގެން ހުރި ގޭ އިބްރާހިމްވެސް ހުރީ ގޭގައި، އޭނަވެސް އުޅެނީ ވަޒީފާ ގެއްލިގެން"، އަނބިމީހާގެ އެ ޖުމުލައާއެކު "ތިމަންނާ މި ވިސްނަނީ ރޯދައަށް ގޭގެ ހަރަދުބަރަދު ބަލަހައްޓާނެ ގޮތަކާ މެދު ކަމަށް ބުނެ" ފިރިމީހާ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލަ އެވެ. ވާޝިޔާ އާއި އޭނާގެ ކޮއްކޮވެސް ތިބީ ހާސްކަން މަތީގައެވެ. އެ ހާސްކަން މަތީގައި އެންމެން ތިއްބާ ފިރިހެން ދަރިފުޅު، އޭނާ ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ ކަމަށާއި އަދި ދޮންތަ (ވާޝިޔާ) ވެސް ވަޒީފާއެއް ހޯދާނެ ކަމަށް ބުނެއެވެ. އެހެން ބުނުމުން އެކުދިންގެ ބައްޕަ ބުނެލާ ޖުމުލައިން އަންހެން ދަރިފުޅު ވާޝިޔާ ގެ ހިތް ފަޅައިގެންދެ އެވެ. އަންހެން ކުއްޖަކަށް ލިބޭނީ ކައުންޓަރުގައި އިންނަ، ކުޑަ މުސާރައެއް ލިބޭ ފަޒީފާއެއް ކަމަށް ބައްޕަ ބުނާ އެ ޖުމުލައި އަޑު އިވޭ ހިސާބަކީ މުޅި ހާލަތު ބަދަލުވުމުގެ އަސްލު ފެށޭ ހިސާބެވެ.

ފުރާނަފަދަ ލޯބިވާ ބައްޕަ އެހެން ބުނުމުން ވާޝިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އެވެ. މާޔޫސްކަމާއި މޮޅިވެރިކަމުން އޭނާގެ މޫނު ފުރާލައެވެ. ބައްޕަގެ އެ ޖުމުލައިން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ފެންކަޅިވެފައި އިން ވާޝިޔާއަށް އެވަގުތު ބައްޕަ ފެންނަ ހިސާބުގައި އިންނަން ވެސް އުނދަގޫވެއެވެ. އެހެންވެ، ވާޝިޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަމުނަށް ފަހު އެނދުގެ އެއްކައިރީގައި އިށީނދެ އިނދެ ވާޝިޔާ އޭނާގެ ފޯނު ހުޅުވާލައި ފޭސްބުކަށް ވަދެލިއެވެ. އެ ހިނދު ވާޝިޔާއަށް ފެނުނީ އެމްޓީސީސީ ދިވެހިންނަށް 250 ވަޒީފާ ހުޅުވާލައިފައިވާ ކަމުގެ ހަބަރެކެވެ. އެ ހަބަރު ކިޔަމުންދިޔަ ވަރަކަށް ވާޝިޔާގެ މޯޅިވެފައި ހުރި މޫނު ފޮޅިގެން ދިޔައެވެ. އުފާވެރިކަމުގެ ކުލަވަރުންނެވެ.

ރޯދައަށް ގޭގެ ހަރަދުތައް ކުރަން ޖެހޭނެ ގޮތެއް ހޯދަން ޖެހުމާއި އަންހެން ކުދިންނަށްވެސް ކަންކަން ކުރެވޭނެކަން ދައްކުވައިދިނުމުގެ ވަރުގަދަ އަޒުމުގައި ވާޝިޔާ ތެދުވެ ވަޒީފާއަށް ކުރިމަތިލައެވެ. ވީޑިއޯއިން ދެން ފެނިގެންދަނީ އޭނާ އިންޓަވިއުގައި އިންނަ މަންޒަރެވެ. އިންޓަވިއުކުރަން ތިބި މީހުންގެ ސުވާލަކަށް ފަހު ސުވާލެއް ވާޝިޔާއާ އަމާޒު ކުރަމުން ގޮސް ވަޒީފާއަށް ކުރިމަތިލީ ކީއްވެތޯ އެހުމުން ވާޝިޔާ ބުނަނީ ޖޯޝުން ފުރިފައިވާ ޖުމުލައެކެވެ. ކައުންޓަރެއްގެ ފަހަތުގައި އިންނަން ނުޖެހޭ ނަމަ އޭނާއަށް އެންމެ ރަނގަޅު ކަމަށެވެ.

ވީޑިއޯގެ މިހާ ހިސާބަށް ދިޔައިރު، ދެން ވާން އުޅޭ ގޮތަކާ މެދު ހިތާހިތާ ސުވާލުވެސް ކޮށްލެވެއެވެ.

ދެން ފެންނަނީ ވީޑިއޯ ބެލި ކޮންމެ އަންހެން ދަރިއަކަށްވެސް އިބުރަތަކަށް ވާނެ ފަދަ މަންޒަރުތަކެވެ. އެންމެ ފުރަތަމަ ދައްކުވައިދެނީ ވާޝިޔާ އެމްޓީސީސީ ފެރީގައި މަސައްކަތް ކުރާ މަންޒަރެވެ. ވިލިމާލެ އާއި މާލެއާ ދެމެދު ދުއްވާ ފެރީގައި އޭނާ އެކި ފަރާތްތަކަށް އެހީތެރިވެ ނަމޫނާ ދައްކައެވެ. ދޯނި ލަފާފުރުމުގެ ހުރިހާ ކަންކަން ފަޅުވެރިއެއްގެ ހައިސިއްޔަތުން ވާޝިޔާ ކުރީ ފަރިތަކަމާއެކުގައެވެ.

އެ މަންޒަރަށް ފަހު ދެން ފެންނަނީ ވާޝިޔާ އެމްޓީސީސީ ބަހުގައި މަސައްކަތް ކުރާ ތަނެވެ. ޓިކެޓު ކެނޑުމާއި އެނޫންވެސް ކަންކަމުގައި ވާޝިޔާ އުޅޭ މަންޒަރު ދައްކުވައިދެއެވެ. އެއަށް ފަހު ދެން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު ބޯޑުޔާޑު، އެމްޓީސީސީ ބޯޑުޔާޑުގައި ވާޝިޔާ މަސައްކަތް ކުރާ މަންޒަރެވެ. އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން އެންމެ ކަވި މަސައްކަތްތައްވެސް ވާޝިޔާ ކުރާ މަންޒަރު ފެނިގެންދެއެވެ. އެގޮތުން ކަނޑު އަޑީގެ ވެލްޑިން ކޯހެއްގައި ބައިވެރިވެ، ކަނޑު އަޑީގައި ވެލްޑިން ކުރާ މަންޒަރުވެސް ދައްކުވައިދެއެވެ. އެއީ އެފަދަ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވެފައި ހުރި އަންހެން ކުއްޖަކަށް ނަމޫނާ މަންޒަރުތަކެކެވެ.

އެއަށް ފަހު ވާޝިޔާ ދެން ފެނިގެންދަނީ އެމްޓީސީސީގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ތަކުގައި ޝާމިލުވެ އުޅޭ މަންޒަރެވެ. ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ބަލަހައްޓައި، މުވައްޒަފުންނަށް ކަންކަން ކިޔާދޭ މަންޒަރެވެ. އޭގެ ފަހުން ރަށެއްގެ ނަރުދަމާ އެޅުމުގެ މަސައްކަތުގައި އަމަލީ ގޮތުން ވާޝިޔާ އުޅޭ މަންޒަރެވެ. ހެވީ ވެހިކަލުން ފުރިފައިވާ ސައިޓެއްގައި ހުރެ ވާޝިއާ ސާބިތުކޮށްދެމުން ދިޔައީ އަންހެނަކަށް ވިތީ ނުވާނެ ކަމެއް ނޯންނާނެ ކަމެވެ.

ނަރުދަމާގެ ސައިޓުގައި ސުޕަވައިޒަރެއްގެ ރޯލު އަދާކުރަމުން ވާޝިޔާ ޓީވީއަކަށް އިންޓަވިއުއެއްދޭ މަންޒަރު އެ ވީޑިއޯގައި ދައްކުވައިދެއެވެ. އެއަށްފަހު ދެން ފެނިގެންދަނީ އާންމުކޮށް އަންހެނުން ކޮށް ނޫޅޭ އެތައް މަސައްކަތެއް ކޮށް ވާޝިޔާ ކުރި މަސައްކަތުން ރޯދައަށް އޭނާ ގެއަށް އެއްޗެހި ފޮނުވާ މަންޒަރެވެ. އެ އުފާވެރި ހަބަރު ފޯނުން ގުޅައި ކޮއްކޮއަށް ދޭ އުންމީދީ މަންޒަރެވެ.

ފިހާރައިގެ މުވައްޒަފުން ވާޝިޔާގެ ގެއަށް ކާޑުގެ ބާވަތްތައް ވެއްދުމުން ވާޝިޔާގެ މަންމަގެ މޫނުމައްޗަށް ގެނުވީ އުފާވެރިކަމެވެ. ޝުކުރުވެރިކަމާއެކު އެ މަންމަގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

އެއަށްފަހު ވާޝިޔާއަށް އޭނާގެ ކޮއްކޮ ވީޑިއޯ ކޯލެއް ކުރާ މަންޒަރު ފެނެއެވެ. ސޯފާގައި ވާޝިޔާގެ މައިންބަފައިން ތިބީ އޭނާގެ ޓީވީ އިންޓަވިޔު ބަލާށެވެ. ފެނިގެން ދަނީ އުފާވެރިކަމުގެ ކަރުނަތައް އެ ދެމަފިރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުންދާ މަންޒެވެ.

ކޮއްކޮގެ ވީޑިއޯ ކޯލް ނިންމާލިއިރު ވާޝިޔާއަށް ވެސް ރޮވެއެވެ. ނަމަވެސް މިފަހަރު ދެރަވެގެންނެއް ނޫނެވެ. ކުރެވުުނު މަސައްކަތާއި މެދު ފަހުރުވެރިވެ އުފަލުންނެވެ. ވާޝިޔާ އެ ސާބިތު ކޮށްދިނީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެވެ. އަންހެން ކުދިންނަކީ ހަމައެކަނި ކައުންޓަރެއްގެ ފަހަތުގައި މަސައްކަތް ކުރަން ޖެހޭ ބައެއް ނޫން ކަމެވެ.

އަންހެނުންނަށްވެސް އާއިލީ ޒިންމާ ނަގައި މައިންބަފައިން ފަހުރުވެރިކޮށްދެވޭނެ ކަން ސާބިތުކޮށްދިނުމަށް "ރައްޔިތުންގެ ދަރީންނަށް" އެމްޓީސީސީން އެ ހުޅުވާލީ ތަނަވަސް ދޮރެކެވެ. ދިވެހީންނަށް ހާއްސަކޮށްގެން އެމްޓީސީސީން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކާއި އެމްޓީސީސީން އާންމުންނަށް ދޫކޮށްލި ވާޝިޔާގެ މޮޅު އެކްޓިކް ފެނިގެންދާ އަސަރުގަދަ ވީޑިއޯއަކީ އެކި ކަހަލަގެ މަސައްކަތްކުރުމަށް އަންހެނުންނަށް ލިބުނު ހިތްވަރެކެވެ. ވަކި ކަހަލަ މަސައްކަތެއް ނޫނެވެ. ކޮންމެ ފަދަ މަސައްކަތެއް ކުރުމަށް ވެސް އަންހެނުންނަކަށް ހުރަހެއް ނެތެވެ.