ރާއްޖޭގެ ބޮޑުވަޒީރުކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށާއި އެކަމާ މަޝްވަރާ ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖުގެ ޖަވާބުގައި، ރައީސް ނަޝީދަށް ކަންކަމާ އަބަދުވެސް ވާހަކަ ދެއްކެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް، ބަދަލު ކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަލީ އާޒިމްއާ ހަވާލާދީ ދުވަސް ނޫސް އަދަދުން މިއަދު ބުނީ އެމްޑީޕީގެ ލީޑަޝިޕުން ރައީސުލްޖުމްހޫރިއްޔާ އެކު އިށީނދެ އެކަމާ ގުޅޭ ގޮތުން ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އިށީނދެ އެކަމާބެެހޭ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާ އެކު ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް އަލީ އާޒިމް ވިދާޅުވި ކަމަށެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މަބްރޫކް މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރު ވާހަކަފުޅެއް ދައްކަވާފައި ނުވާ ކަމަށާއި މި މައްސަލައިގައި ރައީސް ސޯލިހު ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖު ވާނީ ލިޔުމުން ނެރުއްވާފައި ކަމަށެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
"ރައީސް ނަޝީދަށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ވިދާޅުވި ރައީސް ނަޝީދަށް އަބަދުވެސް ވާހަކަދެއްކެވޭނެއޭ. އެ ފުރުސަތު އަބަދުވެސް އޮންނާނެ ވާހަކަ ވިދާޅުވި. އެކަމަކު ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރުމާ ގުޅޭ ގޮތުން އެއްވެސް އިތުރު ވާހަކަފުޅެއް ނުދައްކަވާ. ރައީސް ވިދާޅުވާން ބޭނުންފުޅުވާ ވާހަކަފުޅު އެއޮތީ ލިޔުމުން ވިދާޅުވެ ނެރުއްވާފަ." މަބްރޫކް ވަން އަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް ކުރެއްވި މެސެޖުގައި ވަނީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުމަށް ހުށަހަޅުއްވާ ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.
"2023 ގެ ފެބްރުއަރީގައި ބަރުލަމާނީއަށް ބަދަލުކޮށް، މިހާރު މަޖިލީހުން ސަރުކާރު އެކުލަވާލައި، އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުން، 2024 ގައި މަޖިލިސް އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާ ގޮތަށް މަޖިލިސް އިން ކަނޑައަޅާ މީހަކަށްވުން،" ރައީސް ސޯލިހަށް، ނަޝީދު ކުރެއްވި މެސެޖުގައިވެއެވެ.