މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި މަރުވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނެ ބަދަލު ހޯދުމަށް ފިރިމީހާގެ ފަރާތުން ކޯޓަށް ދާން ނިންމައިފިއެވެ.

ސަލްމާ މަރުވި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭނާގެ ފިރިމީހާ އިބްރާހިމް އަދުހަމް ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ ވިހެއުމަށް ފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅާފައިވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ. އަދި ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ނަމަވެސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާފަހުން ކަމަށާއި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމުގައި ސަލްމާއަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ވެސް ޖަވާބުގައި ބުނެފައިވެއެވެ.

ހާދިސާގައި ހިމެނޭ މުވައްޒަފުންނާއި ޑޮކްޓަރުން ދީފައިވާ ބަޔާންތަކަށް ބަލާ އިރު ސަލްމާގެ ހަށިގަނޑުން ފޭބި ލޭގެ މިންވަރު އަންދާޒާ ކުރެވިފައިވަނީ މަދުންކަމުގައިވީ ނަމަވެސް އޭނާގެ ގައިން ލޭ ފައިބާފައިވަނީ، ވަޒަން ކުރެވުނު ވަރަށްވުރެ ގިނައިން ކަމަށް ރިވިއުއިން ފެންނަ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމްގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ލޯފާމް އެޑްވޮކެސީ ޗޭމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އިހުމާލުވެފައިވާ ފަރާތެއް ވޭތޯ ބަލައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ، އެފަރާތްތައް ޒިންމާކުރުވުމުގެ ގޮތުން ޖިނާއީ އަދި މަދަނީ ގާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ހައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާވައިފާ ކަމަށެވެ.

"މިފަދައިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިއްހީ ފަރުވާ ދޭ ހިދުމަތްތެރިންނާއި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލި މީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާ އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މަރުހޫމާ ސަލްމާ ނަސީރުގެ އާއިލާއިންނާއި މިލޯފާމްގެ ފަރާތުން ދެކެން،" ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އިއްޔެ ބުނީ، ސަލްމާގެ ވިހެއުމުގެ ކަންކަން ގޮސްފައިވަނީ އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭއަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާ ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ލޭ މަނާކުރުމަށް އެފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭއަޅަން ފަށާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

ނަމަވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަންވެސް ކުރި ކަމަށާއި ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކާއެކުވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް، ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށެވެ. ކާޑިއެކް އެރެސްޓާ ގުޅިގެން ސީޕީއާރު ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވެފައިވާ ކަމަށްވެސް އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.