މި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މަގުސަދަކަށް ވާން ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އެރުވުން ކަމަށްވީ ނަމަވެސް އެބިލުން ފެނިގެންދަނީ އެފަދަ ވިޔަފާރިތައް ތާށިވާ މަންޒަރު ކަމަށެވެ.
އެބިލުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލެއް އޮންނަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި، ބޮނޑޭ ވިދާޅުވީ، އެފަދަ ކައުންސިލް ތަކަކީ ވިޔަފާރިތަކާއި ކޯޕަރޭޝަން ހިނގަނީ ރަނގަޅަށްތޯ ބަލަން މިނިވަން ކަމާއެކު އޮންނަން ޖެހޭނެ ކައުންސިލްތަކަށްވީ ނަމަވެސް އެކައުންސިލް ބާއްވަން ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ކަމަށެވެ.
އެހެން ކަމުން އޭނާ ވިދާޅުވީ، މިއީ ގައުމަށް ބޮޑުވަޒީރެއް އަންނަން ޖެހޭ ހިސާބު ކަމަށެވެ. އެކަމަށް ކުރިމަތިލެއްވީތީ ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަޕާނުގައި ބަރުލަމާނީ ނިޒާމެއް އޮންނައިރު، ދިވެހި ރައްޔިތުންވެސް އެ ނިޒާމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާތީ، ބޮންޑޭ ވަނީ އެމަނިކުފާނަށް ވެސް ފާޑު ވިދާޅުވެފައެވެ.
ކެނެޑާ އާއި ޑެންމާކު ފަދަ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮއްވައި ރައީސް މައުމޫނު އެ ނިޒާމަށް ތާއީދު ނުކުރައްވަނީ، ޔޫގެންޑާގެ ކުރީގެ އަނިޔާވެރި ވެރިޔާ އީޑީ އަމީންގެ ނިޒާމަށް ތާއީދު ކުރައްވާތީ ކަމަށް ވެސް ބޮންޑޭ ވިއާޅުވިއެވެ.
"މައުމޫނެއް ބޭނުމެއްް ނުވާނެ އެއަށް ތާއީދު ކުރާކަށް މައުމޫނު ބޭނުންވަނީ އީޑީ އަމީން ތާއީދު ކުރި، އެއްޗަށް ތާއީދު ކުރަން، އީޑީ އަމީންވެސް ބޯ ބުރިކޮށްފައި ފްރިޖަށް ލައިފަ ބެހެއްޓީ، މީސްމީހުންގެ މިނިކެއީ، އެއީ ރިޔާސީ ނިޒާމު އޮންނަ ގޮތް ރުވާންޑާ، ޔޫގެންޑާ ތަންތަނުގައި އޮންނާނީ ރިޔާސީ ނިޒާމު،" ބޮންޑޭ ވިދާޅުވިއެވެ.
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު