ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމުގެ މައްސަލައިގައި އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލައިގައި ވަރަށް އަވަހަށް ނަތީޖާއަކާ ހަމައަށް ދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ނަމަވެސް އެމައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ ނިންމި ނިންމުމާ މެދު އޭސީސީ އާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޕީޖީން ވަނީ ނިންމާފައެވެ.
ވެންޓިލޭޓަރުގެ މައްސަލަ އާއި ގުޅޭ ތަފްސީލުތައް ދެއްވަމުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޝަމީމް ރޭ ވިދާޅުވީ، އެ މައްސަލައިގައި ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ނުވަތަ އެ މައްސަލައިގައި ދައުވާ ނުކުރަން އެއްވެސް އިރެއްގައި ނިންމާފައި ނުވާނެ ކަމަށާއި ދައުވާ ނުކުރޭވެ ކަމަށް މީގެ ކުރިން ބުނީ، އެކަށީގެން ވާ ވަރަށް ހެކި ނެތުމުން ކަމަށެވެ.
ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައިގައި އެންމެ ފަހުން ބެލި ބެލުމުން އަދިވެސް އިތުރަށް ފުރިހަމަ ވާން ޖެހޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކަންކަން އޭސީސީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ފަހު އެ މައްސަލައިގައި ދައުވާކުރުމަށް އަލުން ފޮނުވުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ މިހާރު މިބަލާ ކަންކަން ބެލުނީމަ، އަޅުގަނޑުމެންނަށް ކޮންމެވެސް ކޮޅެއްގަ ޖެހޭވަރަށް މައްސަލަ ގެންދެވޭނެ ކަމަށް." ޕީޖީ ވިދާޅުވިއެވެ.
ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު