ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޝަރީއަތަށް ހާޒިރުކުރުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެގެންވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންފައެވެ.

އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުން ދިނުމުން އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ދައުލަތަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތުމުން ހައިކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފައެވެ.

އަލީ ވަހީދުގެ މައްސަލައާއި ގުޅޭ ތަފްސީލުތައް ދެއްވަމުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޕީޖީ ޝަމީމް ރޭ ވިދާޅުވީ، އަލީ ވަހީދުގެ މައްސަލަ ކުރިއަށް ނުގެންދަން ހައިކޯޓުން ނިންމިއިރު، އެޑްރެސް ނޭނގޭ ހާލަތްތަކުގައި އަމަލުކުރާނެ އިޖުރާއަތްތައް ހައިކޯޓުން ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެހެން ވެ، އެ މައްސަލަ މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް އަމުރެއް ކޮށްގެން ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރެއް ކުރުން. އެކަމާ ގުޅޭ ގޮތުން ހުރޭ ހައިކޯޓުގެ ގަވާއިދުގައިވެސް އަދި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައިވެސް އުސޫލުތަކެއް ކަނޑައަޅަފައި އެބަހުރި" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އަލީ ވަހީދު ދިރިއުޅޭ އެޑްރެސް ނޭނގިގެން އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން ކޯޓަށް ހާޒިރު ނުކުރެވިއްޖެ ހާލަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެކަމަށެވެ.

"އެ މައްސަލާގައި ކޯޓަށް ހާޒިރުކުރަން ޗިޓު ހަވާލު ނުކުރެވި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އަމުރެއް ނެރެގެންވެސް ހާޒިރު ކުރެވޭނެ. ދެން އަމުރު ނެރޭއިރު ހަމައެކަނި އަޅުގަނޑުމެން ރާއްޖެއަކު ނޫން ހަމައެކަނި ނެރެވޭނީކީ. މިދެންނެވީ އިންޓަޕޯލް ރެޑްނޯޓިސް ކަހަލަ ބައިވަރު އިންޓަރނޭޝަނަލް ކަންކަން އެބަހުރި ކުރެވޭނެ." ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައަށް ސްޕްރީމް ކޯޓުގެ ތެރެއިން ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ގާނޫނު އޮންނަ ގޮތުން ސްޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފިނަމަ ހަފުތާއެއްގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.