އިތުރު ފައިސާ ޗާޕް ކުރަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ވެރިކަންކުރާ ޕާޓީންވެސް ހުރަސް އަޅައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައަށް މެންބަރުން އިއްޔެ ބަހުސް ކުރައްވައި، އެ ހުއްދަ ސަރުކާރަށް ދޭން ޖެހޭނީ ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ބެލުމަށްފަހުގައި ކަމަށް ނިންމައި އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ތަޅުމަށް ހުށަހެޅިއެވެ.
ނަމަވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މަސްއޫލިއްޔަތާ މެދު ސުވާލުތަކެއް އުފައްދަވައިފަ އެވެ.
އަފީފު ވިދާޅުވީ، ކޮވިޑް 19 ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދިން ލުޔާއެކު ބައެއް ކަންކަމުގައި ސަރުކާރުން ހަރަދު ކޮށްފައި ވަނީ ރަނަގަޅަށް ނޫން ކަމަށެވެ. ހާއްސަކޮށް މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުުގެ ބަޖެޓުން ފިނޭންސް މިނިސްޓަރު ހަރަދު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަ ކޮމެޓީއަކަށް ފޮނުވާން ހުށަހެޅުއްވިއިރު، މައްސަލަ އޮޓަމެޓިކުން ފޮނުވަން އޮންނަ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިތުބާރު ނުކުރައްވާ ކަމަށް އަފީފު ވަނީ ވިދާޅުވެފައެވެ. އަފީފު ވިދާޅުވީ، އެ މައްސަލަ ފޮނުވަން ޖެހޭނީ މުޅިން އާ ކޮމިޓީއަކަށް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ފޮނުވާނެ ކަމަށް ބެލެވެނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ކަމަށެވެ.
މި މައްސަލައިގައި މެންބަރުން އިއްޔެ އުފެއްދި ސުވާލުތަކަށް، މަޖިލިސް އިއްޔެގެ ޖަލްސާގެ ފަހު ދަންފަޅީގައި ބައިވެރިވެވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފައެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އަށް އަމަލު ކުރުން ސަސްޕެންޑްކޮށް މި ދަނޑިވަޅުގައި ސަރުކާރަށް ހުއްދަ ދީފައިވާ މުއްދަތު އިތުރު ކުރަން ޖެހޭ ސަބަބުތައްވެސް މިނިސްޓަރު ވަނީ އޮޅުންފިލުއްވައި ދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތައީދު ނުކުރައްވާ ކަމަށް ވިދާޅުވެ، ޝަރީފްވަނީ އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން އެތައް މަސް ދުވަހަކަށް ދަންމައިލާންވީތޯ ސުވާލު ކުރައްވައިފައެވެ.
ޝަރީފް ވިދާޅުވީ، ކުރެވެންއޮތް ހަރަދެއް، ރެވެން އޮތް ގޮތަކަށް ކޮށްގެން ނަމަވެސް ރައްޔިތުންގެ ސިއްހަތާއި ކޮވިޑް19 ގެ ޕެންޑަމިކުން އަރައިގަތުމަށާއި، އަދި ގައުމުގެ އިގްތިސާދު ރީބައުންްކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭހެ އެތައް ގައުމަކުން ދަނީ އިތުރަށް ފައިސާ ޗާޕް ކުރަނުންކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ޑޮލަރު ޗާޕްކުރާ އެމެރިކާއިން ވެސް އެތައް ޕެކޭޖް ތަކެއް ތައާރަފް ކުރުމުންވެސް އެތައް މިލިޔަން މީހުންގެ ވަޒީފާ ގެއްލިގެްނދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަބާ ފިޔަވަޅުތަކުގެ ސަބަބުން މި ގައުމުގެ ހާލަތު އެހެންގައުމުތަކާއަލާބަޅާއިރު ހުރީ އުފާކުރުން ހައްގު މިންވަރެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މައްސަލައެއް ކަމަށެވެ. އެކަމާ ގުޅިގެން ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ހަސަދަވެރިކަމުގައި ރައްޔިތުން އަނދަވަޅަކަށް ވައްޓާލައިގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ ކޮމެޓީއަކަށް ފޮނުވަން ތާއީދު ނުކުރައްވާ ކަމަށާއި، އެކި ނަންނަމުގައި ސަރުކާރަށް ހުރަސް އެޅުމަކީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަމުން ހުރަސް އެޅެނީ، ސަރުކާރަށް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދަތިކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަކީ ރައްޔިތުންނަށް މުސާރަ ދިނުމާއި ވަޒީފާގެ ފުރުސަތު ހިމާޔަތްކޮށް، ރައްޔިތުންގެ ސިއްހީ ކަންކަން ހަމަޖައްސައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރަން ކުރަން ޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިފަދަ ހާލަތްތަކުގައި މިދައުލަތް ނަގައި ކޮޅަށް ޖެހުމަށް، އަލުން އާރާސްތުކޮށް ބިނާ ކުރުމަށް ފުރުސަތަކަށް އެދުނީމާ ކޮމިޓީއަކަށް ގެންގޮސްގެން އެތައް މަސްދުވަހަކަށް ދަންމާލާނީތޯ، ސަރުކާރު އޮބަހައްޓާ ދަމަހައްޓާ ބިޑިއަޅުވަނީތޯ، މީ ސިޔާސީ ކުރަން ޖެހޭ ޒާތުގެ މައްސަލައެއް ނޫން ރައްޔިތުންގެ ދިރުއުޅުމާއި ގައުމުގެ އިގްތިސާދާއި ގުޅުން ހުރި ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފާސްކުރަން ހުށަހަޅާ ކަމަށެވެ.
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު