ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިރޭ ރައީސް ޔާމީން މާލެ ގެނެސް، ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖައްސަވާފައިވަނީ ކޮން ވެކްސިނެއް ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ވެކްސިން ޖައްސަވާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން، އޭޑީކޭގައެވެ. އަދި ޖައްސަވާފައިވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އޭޑީކޭގައެވެ.

މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައެވެ. ނަމަވެސް ރައީސް ޔާމީން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާފައިވާތީ، އެފަހަރު ވެކްސިން ޖައްސަވައިފައެއް ނުވެއެވެ.

ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ވާހަކަ، އެމަނިކުފާނުގެ ވަކީލުން ވަނީ ދޮގު ކުރައްވައިފައެވެ.