މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި މަރުވި ސަލްމާ ނަސީރު، 25، އަށް ދޭންޖެހުނު ފަރާވުތަކަށް އިހުމާލުވެފައި ނުވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ސަލްމާ މަރުވި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އޭނާގެ ފިރިމީހާ އިބްރާހިމް އަދުހަމް ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބު އިއްޔެ ދީފައިވާ އިރު، އެ ސިޓީގައި ބުނެފައިވަނީ ވިހެއުމަށް ފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅާފައިވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

އަދި ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ނަމަވެސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާފަހުން ކަމަށާއި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމުގައި ސަލްމާއަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ވެސް ޖަވާބުގައި ބުނެފައިވެއެވެ.

ސިޓީގައި އިތުރަށް ބުނީ، ހާދިސާގައި ހިމެނޭ މުވައްޒަފުންނާއި ޑޮކްޓަރުން ދީފައިވާ ބަޔާންތަކަށް ބަލާ އިރު ސަލްމާގެ ހަށިގަނޑުން ފޭބި ލޭގެ މިންވަރު އަންދާޒާ ކުރެވިފައިވަނީ މަދުންކަމުގައިވީ ނަމަވެސް އޭނާގެ ގައިން ލޭ ފައިބާފައިވަނީ، ވަޒަން ކުރެވުނު ވަރަށްވުރެ ގިނައިން ކަމަށް ރިވިއުއިން ފެންނަ ކަމަށެވެ.

އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލްމާގެ ވިހެއުމުގެ ކަންކަން ގޮސްފައިވަނީ އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭއަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާ ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ލޭ މަނާކުރުމަށް އެފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭއަޅަން ފަށާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

"ނަމަވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަންވެސް ވާނީ ފަށާފައެވެ. އަދި ލޭ އެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކާއެކުވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔައެވެ. ކާޑިއެކް އެރެސްޓާ ގުޅިގެން ސީޕީއާރު ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ،" އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން ބުނީ، ސަލްމާގެ ފަރުވާ ކުރިއަށް ދިޔައިރު ހާލަތާ ގުޅޭ މައުލޫމާތާއި ދެމުންދިޔަ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ސަލްމާއަށް ފަރުވާދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށްވެސް ބުންޏެވެ.