ކުޅިވަރު

ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.

އެޓީމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިވާކަން ޓެލެގުރާފް ނޫހުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކޯޗުކަމުން މޮރީނިއޯ ވަކިކުރި އިރު، މިވަގުތު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. ސީޒަން ވަރުގަދަކޮށް ޓޮޓެންހަމް އިން ފެށި ނަމަވެސް އެޓީމު ފަހުން ފެނުނީ ފޯމް ކަޓައިގެން ދިޔަތަނެވެ.

ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗު މޮރީނިއޯ ކުލަބާ ހަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައެވެ. އެ ކްލަބާއެކު ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކުރި ނަމަވެސް، އެފަހަރުވެސް ބޭރުކޮށްލީ ބޭނުންވާ ކާމިޔާބީއާ ހަމައަށް ވާސިލު ނުވުވުނު ކަމަށް ބޯޑަށް ފެނިގެންނެވެ.

މޮރީނިއީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ޗެލްސީއާއެކުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ތިން ފަހަރަށް ޕްރިމިއާ ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން އިންޓަ މިލާން އާއި ޕޯޓޯއާއެކު ޔޫރަޕުގެ ތަށިވެސް ހޯދާފައިވާ މޮރީނިއޯއަކީ އެ ދެކްލަބާއެކު ޓްރެބަލް ހޯދި ކޯޗެއްވެސް މެއެވެ. ރެއާލް މެޑްރިޑާއެކު ލަލީގާވެސް މޮރީނިއީ ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ފަސް ވަރަކަށް އަހަރުގައި އޭނާ ފެނުނީ ދަށްކޮށެވެ. މާ ބޮޑު ކާމިޔާބީއެއް ނުލިބި، ދެ ކްލަބަކުން ފޮނުވާލަން ޖެހުމަކީ މިހާތަނަށް މޮރީނިއޯގެ ކެރިއަރުގައި ކުރިމަތިވާނެ އެންމެ އުނދަގޫ އެއް މަރުހަލާއަށް ވާނެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން ސީޒަން ނިމެންދެން ޓޮޓެންހަމްއާ ހަވާލުވާނީ ރަޔަން މޭސަންއެވެ. އެޓީމުން މޮރީނިއޯ ނުލާ އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ދެން ނުކުންނާނީ ލީގު ކަޕް ފައިނަލަށެވެ.