ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދީ ނުވަތަ އަޒުލްކޮށް، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ބައިވެރިވާ އިންތިހާބެއް ބާއްވަން ވެއްޖެ ކަން، މަޖިލީހުގެ ރައީސް ނަޝީދާއި ސަރުކާރުގެ އަމަލުން ކަށަވަރު ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އިއްޔެ ވަނީ ދަންނަވާފަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ.
މިކަމަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި މީހަކު ބޮޑުވަޒީރުކަން ނުވަތަ ރަސްކަންކުރަން ޖާގައެއް ނެތް ކަމަށެވެ. ރައްޔިތުން ނިންމި ނިޒާމުގައި ވެރިކަންކުރަން ލިބުނު ދެ ފުރުސަތުގައިވެސް އެމްޑީޕީ ފެއިލް ވެފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ރައީސް އިސްތިއުފާދީ ނުވަތަ އަޒުލްކޮށް، ރައީސް ޔާމީން ބައިވެރިވާ އިންތިހާބެއް ބާއްވަން ވެއްޖެކަން ސަރުކާރާއި ރައީސް ނަޝީދުގެ އަމަލުން ކަށަވަރުވެއްޖެ ކަމަށެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް އިއްޔެ ކުރެއްވި މެސެޖުގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގެންފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު