ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު އެހެން ނިޒާކަމަށް ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަންޖެހިގެން ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނާއިބު ރައީސް އަދި ދައުރުގެ މެދުތެރެއިން ކުރިމަތިލާން ޖެހިވަޑައިގެންނެވި ޕްރެޝަރާ ހެދި ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަންޖެހޭތީ ނޫން ކަމަށެވެ.

އެ ބަދަލު ވާން ޖެހޭނީ، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން ގެންނަ ބަދަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް އިއްޔެ ކުރެއްވި މެސެޖެއްގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފުންނާބު އުސް ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

އޭގެ ތެރެއިން ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމުން އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ސަރުކާރެއް އެކުލަވައިނުލެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ބޮޑުވަޒީރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ހާސިލު ނުވާނެ ކަމަށެވެ.

އެއްކަމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމުވުން ކަމަށާއި، ދެވަނަ ކަމަކީ، އަލަށް އުފެދޭ ބަރުލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިހާބުކުރާ މަޖިލީހުގެ 50 ޕަސެންޓް މެޖޯރިޓީ ލިބޭ ޕާޓީ، ކޯލީޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުން ކަމަށް ވިދާޅުވެފައިވެއެވެ.

މިނޫން ގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިހާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާއި ހުދޫދު ފަހަނައަޅައި ދިއުން ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުން އެކަމަށް ޖާގަ ނުދޭނެ ކަމަށްވެސް ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.