ދައުލަތުގެ ބަޖެޓުން އެކި ކަންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަރަދު ކުރައްވަމުން ގެންދަވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ، ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ހަސަން އަފީފު މިހެން ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.
އަފީފު ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ބައެއް މާއްދާތަކަށް ފިނޭންސް މިނިސްޓަރު ތަބާވުން ސަސްޕެންޑް ކޮށް އެއް އަހަރު ދުވަހުގެ މުއްދަތެއް މިހާރުވެސް މަޖިލީހުން ދީފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެ އަދިވެސް މިވަނީ ކޮވިޑްގެ ނުރައްކަލުގައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އައި ނަމަވެސް ކުރިން ލިބުނު ވަރަށް އާމްދަނީ ނުލިބޭތީ، އެމައްސަލަ މަޖިލީހުން ރަނގަޅަށް ދިރާސާކޮށް އެކަމަށް އިތުރަށް ހުއްދަ ދެވޭތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ވަރަށް ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓަރުވެސް އެކަން ފާހަގަ ކުރައްވާފައިވާކަމަށް އަފީފު ވިދާޅުވިއެވެ.
ނަމަވެސް އެ ހަރަދުތައް ކޮށްފައި ވަނީ، އެންމެ ރަނގަޅަށްތޯ ބެލުމަކީ، މަޖިލީހުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ، އެފަދަ ހަރަދުތަކުން ވަކި ބަޔަކަށް ކަންތައްތައް ކުރެވިގެންދާ އަޑު އިވޭ ކަމަށެވެ. އަދި އެފަދަ ހަރަދުތައް އެއްވެސް ބެލުމެއް ނެތި މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިވާކަން އޮޑީޓް ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އޭގެ ތެރެއިން އެއްކަމަކީ ވެންޓިލޭޓަރުތައް ގެނައުމަށް ކުރި ހަރަދު ކަމަށާއި، ދުބާއީ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ފޮނުވިއިރު، އެކަންތައްތައް ހިނގަމުންދަނީ ރަނގަޅަށްތޯ ފިނޭންސް މިނިސްޓަރު ބައްލަވާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރުގެ ޒިންމާ ފުރިހަމައަށް އަދާކުރުމުން ނުދާ ކަމަށާއި، އެފަދަ މީހަކާ އިތުރަށް ހަރަދުކުރަން ދޭންވީތޯ ވެސް އަފީފު ސުވާލު ކުރެއްވިއެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް އެ ހުއްދަ ދޭއިރު، ފިނޭންސް މިނިސްޓަރު ހަރަދު ކުރަމުންދާ ގޮތް މިހާރަށްވުރެ ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި، ކޮންމެ ހަރަދެއް ކުރުމުގެ ކުރިން އެެއީ ގާނޫނާ ހިލާފަށް ކުރާ ހަރަދެއްތޯ މަޖިލީހުން ކަށަވަރު ކުރަން ޖެހޭ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
ނަމަވެސް އަފީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކަން ރަނގަޅަށް ބަލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލ މަޖިލީހުގެ ހާއްސަ ކޮމިޓީއަކަށް ފޮނުވުމަށް އަފީފް ހުށަހެޅުއްވިއެވެ.
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު