ކުޅިވަރު

ޔޫރޮޕިއަން ސުޕަ ލީގު: ޔޫރަޕްގެ ފުޓުބޯޅަ ހަނގުރާމައަކަށް!

މުޙައްމަދު ޝަމްޢޫން

ޔޫރަޕްގެ ވަރުގަދަ 12 ކްލަބުގެ ބައިވެރިވުމާއެކު އިއުލާން ކޮށްފައިވާ ޔޫރޮޕިއަން ސުޕަ ލީގު (އީއެސްއެލް) އާއެކު މުޅި ފުޓުބޯޅަ ގުޑުވާލައިފިއެވެ. ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ ބައްރު ކަމަށްވާ ޔޫރަޕްގެ ތެރޭގައި މުޅިން "ހައިޖާން" ވެއްޖެއެވެ. ކްލަބުތަކުގެ ނިންމުމަށް ފީފާއާއި ޔޫއެފާއިން ދެކޮޅު ހަދާފައިވާއިރު، ޔޫއެފާގެ ބަޔާނެއްގައި ވަރުގަދަ އިންޒާރުތަކެއްވެސް ކޮށްފައިވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ލީގުތަކަށް ގޮން ޖަހާ، ބޮޑެތި ކްލަބުތަކުން ނިންމި ނިންމުމަކީ ސީދާ "ފައިސާގެ ދަހިވެތި" ކަމުގައި ނިންމި ނިންމުމެކެވެ.

ކޮންމެ ގައުމެއްގެވެސް ޑޮމެސްޓިކް ސީޒަން ކުރިއަށްދާއިރު، ހަފްތާ ތެރޭގައި މިހާރު ކުޅޭ ދެ މުބާރާތަކީ ޔޫއެފާ ޔޫރޮޕާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގެވެ. އޭގެ ބަދަލުގައި ޔޫރޮޕިއަން ސުޕަ ލީގު ކުޅެން މިހާތަނަށް ބޮޑެތި 12 ކްލަބަކުން އެއްބަސްވެ، އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ހަ ކްލަބެއްވެސް ހިމެނެއެވެ. ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްގެ އިތުރުން އާސެނަލްއާއި ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގު ޓީމުތަކުގެ ތެރޭގައި ހިމެނޭއިރު، އެ ޓީމުތަކުގެ އިތުރުން ދެން ހިމެނެނީ އޭސީ މިލާންއާއި އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ، ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްއާއި އިންޓަ މިލާނެވެ.

ލީގަށް އަދި އިތުރު ތިން ކްލަބަކުން ގުޅޭނެ ކަމަށްވެސް ރަސްމީ ބަޔާނުގައި އިއުލާން ކޮށްފައިވެއެވެ.

ޔޫއެފާ ރަތަށް، ފީފާއިންވެސް ލީގާ ދެކޮޅު

ސުޕަ ލީގު އިއުލާން ކުރުމާއެކު ޔޫއެފާއިން ވަނީ އެކަމާ ދެކޮޅަށް ހަރުކަށި ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ "ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކްލަބެއްގެ އިތުރުން ކޮންމެ ކުޅުންތެރިޔަކު ޔޫރަޕްގެ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ދެން ބައިވެރިނުވެވޭނެ ގޮތަށް ފިޔަވަޅު އަޅަން ވިސްނާ،" ކަމަށެވެ.

ޔޫއެފާގެ ބަޔާނުގައި ހަރުކަށި އަދަބުތައް ފާހަގަކޮށްފައިވާއިރު، އޭގެ ފަހުން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފީފާއިން ސުޕަ ލީގުގެ ވިސްނުމާއި ދެކޮޅު ކަމަށާއި، އެ ލީގަކީ އިންޓަނޭޝަނަލް ފުޓުބޯޅަ އޮނިގަނޑުގެ ބޭރުން، ހެދިފައިވާ އުސޫލަށް ގޮންޖަހާލަން ވުޖޫދުކޮށްފައިވާ ލީގެއް ކަމަށް ބެލެވޭ ކަމަށެވެ.

ޔޫރަޕްގެ ފުޓުބޯޅަ އިދާރާގެ އިތުރުން ފީފާއާއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ސުޕަ ލީގުގެ ވިސްނުމާ މުޅިން ދެކޮޅުކަން ފާހަގަކުރައްވާފައެވެ. އެއާއެކު އެ ލީގުގެ ފައުންޑިން ކްލަބުތަކުގެ ބޮޑެތި ސަޕޯޓާސް ގްރޫޕްތަކުންވެސް ވަނީ ސުޕަ ލީގުގެ ވިސްނުމާ ދެކޮޅުކަން ހާމަކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި ޔޫއެފާއާއި ފީފާވެސް ޚާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފައިވެއެވެ. އަދި މިއަހަރުގެ އިތުރުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާ މެދު ވަކި އެއްޗެސް ރަސްމީކޮށް އަންގާފައެއް ނުވެއެވެ. އެ ކަންކަމާއި ގުޅިގެން ސުޕަ ލީގުން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ފީފާއާއި ޔޫއެފާއާއެކު ވާހަކަތައް ކުރިއަށް ގެންގޮސް ގުޅިގެން މަސައްކަތް ކުރުމަށް ވިސްނާ ކަމަށެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ނިންމުން، ފައިސާގެ ވިސްނުމެއް؟

އާ ލީގެއްގެ ވާހަކަ އެންމެ ފުރަތަމަ ދެކެވިފައިވަނީ ޕެންޑަމިކާއި ގުޅިގެން ފުޓުބޯޅަ ކްލަބުތަކަށް ކުރިމަތިވި ލޮޅުމެއްގެ ތެރޭގައި މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. އޭރު ކްލަބުތައް ގުޅިގެން ވޯލް ސްޓްރީޓް ބޭންކްގެ ޖޭޕީ މޯގަންއާއެކު ކްލަބުތަކުން 4.6 ބިލިއަން ޕައުންޑްގެ ފުޓުބޯޅަ މުބާރާތެއް ފެށުމަށް ވަނީ ވާހަކަތައް ދައްކާފައެވެ.

އެ ވާހަކަތައް ހިފެހެއްޓުމަށް ޔޫއެފާއިން ޗެމްޕިއަންސް ލީގު ރިފޯމް ކުރަން ވާހަކަ ދައްކާފައި އޮތް ނަމަވެސް އެކަން ނުވެ ދިޔުން ވެގެން ދިޔައީ ކްލަބުތަކުން ހިތްހަމަ ނުޖެހުނު އެންމެ ބޮޑު ސަބަބަށެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިވަގުތު ޗެއާ ކުރައްވާ ސުޕަ ލީގުގެ ފަރާތުން ބުނެފައި ވަނީ އެ ރިފޯމް ކުރިއަށް ދާނެ ކަމަށް ގަބޫލުނުކުރާ ކަމަށައި، ޕެންޑަމިކާއެކު ފުޓުބޯޅައިގައި މިހާރު އޮތް މޮޑެލް އެކޮނޮމިކަލީ ސަސްޓެއިން ނުވާ ކަމަށެވެ.

ސުޕަ ލީގުން ގަބޫލުކުރާ ގޮތުގައި މިހާރު އިއުލާން ކޮށްފައިވާ ސުޕަ ލީގުގެ ސަބަބުން މެޗުތަކުގެ ފެންވަރު ރަނގަޅުވުމަށް ފުރުސަތު ލިބި، އެންމެ ބޮޑު ކަމެއްގެ ގޮތުން ކްލަބުތަކުގެ މާލިޔާތަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އެއީ އިމާރާތް ކުރުމުގެ އިތުރުން އެހެނިގެން ކަންކަމުގައި ކްލަބުތަކުން ކުރާ ހޭދައަށް ސުޕަ ލީގުން އެހީތެރިވާނެ ކަމަށް އޮތުމުންނެވެ.

ސުޕަ ލީގުގެ ފޯމެޓް

ސުޕަ ލީގަކީ 20 ޓީމެއްގެ މައްޗަށް އެކުލެވޭނެ ލީގެކެވެ. ބޮޑެތި ކްލަބުތަކަށް އެކަނި ފުރުސަތު އޮތުން އެއީ ބޭ އިންސާފެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވީ ނަމަވެސް، ސުޕަ ލީގުގެ ބޯޑަށް އެކަން ކަންބޮޑުވުމަކަށް ނުވެއެވެ. ނުފޫޒުގަދަ ފައިސާގެ ބޮޑެތި ކްލަބުތަކުގެ ފުޓުބޯޅަ ބެލުމަށް ހުރިހާ ސަޕޯޓަރުންވެސް ބޭނުންވާއިރު، މާލީ ގޮތުން ހޯދަން ބޭނުންވާ މަންފާ ލިބުމަށް ލީގު ޝައުގުވެރި ކުރުވަން މަޖުބޫރުވެސް ވާތީއެވެ.

މިހާރު ހުށަހަޅާފައިވާ ގޮތުން ޑޮމެސްޓިކް ލީގުތައް ކުޅެމުންދާއިރު، އޯގަސްޓް މަހު އީއެސްއެލް ވެސް ފެށޭނެއެވެ. 10 ޓީމުގެ ދެ ގްރޫޕަށް ބަހާލައިގެން ހޯމް އާއި އަވޭ މެޗުތައް ކުޅެން ނިންމާފައިވާއިރު، ލީގު ބުރު ނިމޭއިރު ދެ ގްރޫޕްގެވެސް އެންމެ މަތީގައި އޮންނަ ތިން ޓީމު ކުއާޓާއަށް ދަތުރު ކުރާނެއެވެ. ހަތަރު ވަނަ އަދި ފަސްވަނައަށް ދާ ޓީމު ޕްލޭ އޮފަކުން ބާކީ ދެ ޖާގައަށް ފުރުސަތު ހޯދާއިރު، ދެން އެހިސާބުން ކުރިއަށްދާނީ ޗެމްޕިއަންސް ލީގުގެ ފޯމެޓަށެވެ.

ސުޕަ ލީގު އިއުލާން ކުރުމާއެކު މުޅި ފުޓުބޯޅައަށް ވަރުގަދަ 'ލޮޅުމެއް" އައިސްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔޫރަޕްގެ ފުޓުބޯޅަ ބަނަވެއްޖެއެވެ. ޔޫއެފާއާއި ފީފާއާ ދެކޮޅަށް ބޮޑެތި ކްލަބުތަކުން ވަރުގަދަ ސްޓޭންޑެއް ނަގާފައިވާއިރު އެ ނިންމުމަކީ މުޅި ފުޓުބޯޅައިގެ މުސްތަގުބަލަށް ހިޔަނި އެޅިގެންދާނެ ވިސްނުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.