ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އިންތިހާބުކޮށްފައިވާ މަޖިލީސް އުވާލައި އަލުން މަޖިލީހެއް އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ވަނީ ދަންނަވާފަ އެވެ.
މިކަމަށް ފާޑު ވިދާޅުވަމުން، ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އަދި ގާނޫނު އަސާސީ އެކުލަވާލި އިރު ޑްރާފްޓިން ކޮމެޓީގެ މުގައްރިރު ކަން ކުރެއްވި އިބުރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ނިންމާފައި އޮތް ކަމެއް މަޖިލީހަށް ބަދަލު ނުކުރެވޭނެ ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލިސް އުވާލައި އަލުން މަޖިލީހެއް އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ.
އިބުރާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) މަޖިލީހަށް ހޮވަން ވޯޓް ދިނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން ކަމަށެވެ. އެއީ ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގަން އުޅޭކަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ނިންމާފަ އޮތް ގޮތެއް މަޖިލީހުން ބަދަލެއް ނުކުރެވޭނެ. ހައިސިއްޔަތު އޮޅިގެން މިހާރު އެއުޅުއްވަނީ. އަންނި މަޖިލީހުގަ އިންނަނީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން." އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވާ އެކި ކަހަލަ ކަންކަމަށް އިބުރާ ވަނީ މީގެ ކުރިންވެސް ފާޑު ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް އިއްޔެ ކުރެއްވި މެސެޖުގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގެންފައިވެ އެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ރައީސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފަ އެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން، ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ގޮވާލައިފައެވެ. އަދި ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.
އިބްރާހީމް އިސްމާއީލް (އިބުރާ)
އިބްރާހީމް އިސްމާއީލް (އިބުރާ)