ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
އިބުރާ، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ގާނޫނުއަސާސީގެ 43، 63 އަދި 68 ވަނަ މާއްދާއާ ތައާރަޒުވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް ބަޔާންކޮށްދެވިފައިނުވާތީ ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އޭގެ ފަހުން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން ވަރަށް ކައިރިވެފައި ވަނިކޮށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ފަނޑިޔާރުން ސަސްޕެންޑް ކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިބުރާ ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެއެވެ. ގާނޫނުއަސާސީގެ ބާރު ދިޔައީއެވެ.،" ގާނޫނުއަސާސީ އިސްލާހު ކުރަން އެއްކުރި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގައި ވެސް، ޑްރާފްޓިން ކޮމިޓީގެ މުގައްރިރުގެ ގޮތުގައި، ގާނޫނުއަސާސީ އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި އިބުރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވެފައިވަނީ، ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށާއި ގާނޫނުއަސާސީ އާއި ޖުޑިޝަރީ އުވާލައިގެން ނޫން ކަމަށެވެ.
ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، ކޮމިޝަނަށް ވަނީ ހާޒިރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު