އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގެންނެވުމުން، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޝާހިދު އެކަންޏެވެ. އެހެންވެ އޭނާ ވަނީ އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިވަޑައިގެންފިއެވެ.
ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ހޮވިވަޑައިގެންނެވުމުން، އެ ޕާޓީ އުފެއްދެވުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި އެއް ބޭފުޅާ، އިބްރާ ވަނީ އެކަމަށް ފާޑު ވިދާޅުވެ، އިއްޔެ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަތުން އިބްރާ ސިފަ ކުރެއްވީ ދުނިޔެ ވަށައި ބުރެއް ޖެހުން ގޮތުގައެވެ.
"2001 ވަނަ އަހަރު، MDP އުފައްދަން ހުށަހެޅި 42 މީހުންގެ ތެރޭގައި އަހުރެން ސޮއިކޮށްފައި އޮތީމާ، އެކަން ކުށްވެރިކޮށް މަށާ ސުވާލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ސޮއިކުރައްވާފައި އޮތް ޢަބްދުﷲ ޝާހިދަކީ މިއަދު MDP ގެ ރައީސެވެ!." އިބްރާގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ޝާހިދު ވަނީ މައުމޫން ވެރިކަމުގައި ރައީސް އޮފީހުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައެވެ. އެ ވެރިކަމުގައި ޝާހިދަކީ ރައީސް މައުމޫންގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ، އެމްޑީޕީގެ އެންމެ ވާދަވެރި ޕާޓީ، ޑީއާރުޕީގައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީގޮތުން ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފައެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ އެ މަނިކުފާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު